ޚަބަރު
އެމްޑީޕީއަށް ގުރުބާންވީ އެންމެ މީހެއް ނޫން: މީކާއިލް
އެމްޑީޕީއަކީ ވަކި މީހެއްގެ ގުރުބާނީން އުފެއްދި ޕާޓީއެއް ނޫން ކަމަށާއި، އެއީ ވަކި މީހެއްގެ ގުރުބާނީއެއްގެ ގޮތުގައި ސިފަކުރުމަކީ ޕާޓީ އުފައްދަން އެތައް މަސައްކަތެއް ކުރި އެހެން މީހުންނަށް ބުނެވޭ ކުޑައިމީސް ބަހެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް މިހެން ވިދާޅުވީ އޭނާގެ ކެމްޕޭން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު މި ފަހުން ވިދާޅުވެފައިވަނީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ އެމަނިކުފާނު ކަމަށާއި، ރައްޔިތުންނަށްޓަކައި އެންމެ ގިނަ ލޭ އޮހޮރިފައިވާނީ ވެސް އެމަނިކުފާނުގެ ގައިން ކަމަށެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ، ޕާޓީއަށްޓަކައި ނަޝީދު ކޮށްދެއްވި ހިދުމަތް ބަލައިގަންނަ ކަމަށާއި ނަމަވެސް މިއީ އެންމެ މީހެއްގެ ޕާޓީއެއް ނޫން ކަމަށެވެ. “އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި ޕާޓީ އުފެއްދެވުމަށް ގުރުބާންވެވަޑައިގެންނެވީ އެންމެ ބޭފުޅެއް ކަމަކަށް. ވަރަށް ގިނަ މީހުންގެ ވަރަށް ގިނަ ގުރުބާނީއަށް ފަހު ރާއްޖެއަށް އައި ނިޒާމެއް މިއީ،” މީކާއިލް ވިދާޅުވި އެވެ.

މީކާއިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ އެއް ފައުންޑަރު މުހައްމަދު ލަތީފު (ގޯގޯ ލަތީފު) އާއި 2003 ގައި އަނިޔާކޮށް މަރާލި އީވާން ނަސީމުގެ މަންމަ ފަދަ އެތައް ބައެއްގެ ގުރުބާނީ މި ޕާޓީގެ ފަހަތުގައިވެ އެވެ. އެހެންކަމުން އެމްޑީޕީއަކީ އެންމެ ފަރުދެއްގެ ގުރުބާނީގެ ގޮތުގައި ސިފަކުރުމަކީ އެ ބޭފުޅުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ފާޑުކިޔުން އަމާޒުކުރައްވަމުން މީކާއިލް ވިދާޅުވީ، މިއީ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއެއް ނޫން ކަމަށާއި މިވަގުތު ދައްކަންވީ ބޮޑުވަޒީރާއި ރައީސްގެ ވާހަކަ ނޫން ކަމަށެވެ. އޭގެ ބަދަލުގައި 2023 ގެ ރިޔާސީ އިންތިހާބު ގެއްލެން ދިމާވީ ސަބަބުތަކާއި، ޕާޓީ އަލުން ކޮޅަށް ޖަހާނެ ގޮތުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، 2023 ގެ އިންތިހާބާ ދިމާކޮށް ޕާޓީން ވަކިވެގަނެގެން އަމިއްލަ މަސްލަހަތު އިސްކޮށް، މި ސަރުކާރު ގެންނަން މަސައްކަތް ކުރީ ނަޝީދުގެ ފެކްޝަނުން ކަމަށް މީކާއިލް ތުހުމަތު ކުރެއްވި އެވެ. އަދި އެމްޑީޕީއަށް މިވަގުތު ބޭނުންވަނީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަންއެއް ކަމަށާއި، އެ އިތުބާރު ނަޝީދަށް ނެތް ކަމަށް ވިދާޅުވެ މީކާއިލް ވަނީ ވާހަކަ ނިންމާލައްވާފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *