ޚަބަރު
ދިރާގު ފިހާރަ ގޮއްވާލާނެ ބުނި މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގުގެ ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ހުކުމް ކުރީ ގއ. ގެމަނަފުށީ ރަންކޮކާގެ، ނަދީފް މުހައްމަދުގެ މައްޗަށެވެ.

މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނަދީފް އެއާޕޯޓުގެ ދިރާގު ފިހާރައަށް ވަދެ، އޭނާއަކީ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ މީހެއް ކަމަށާއި، ބޮން ހަދާ މީހެއް ކަމަށް ބުނެ ވަނީ ބިރުދައްކާފައެވެ. އަދި އެތަން ގޮއްވާލާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދީފައެވެ.

މި މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އާންމު ތަނެއްގައި ހުރި މީހަކު، އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަގްސަދެއް ނެތް އަމަލަކުން މީހުން ބިރުގަންނަ ފަދަ ހާލަތެއް އުފައްދާފައިވާކަން ސާބިތުވާ ކަމަށެވެ.

މި ދައުވާއަށް ނަދީފް އިންކާރު ކުރި ނަމަވެސް، އޭނާއާ ދެކޮޅަށް ހެކިބަސް ލިބިފައިވެއެވެ. އެގޮތުން އެއާޕޯޓުގައި ހަރަކާތްތެރިވި ފުލުހުންނާއި، ފިހާރައިގެ މުވައްޒަފުންގެ އިތުރުން އެ ވަގުތު ފިހާރައިގައި ތިބި ކަސްޓަމަރުން ދިން ހެކިބަހުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *