އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމަކީ އަސްލު މީހާއެއް ނޫންކަމަށާއި އެއީ ކޮންމެވެސް ބޭފުޅެއްގެ ހިޔަންޏެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އިންތި މިހެން ވިދާޅުވީ ސަންގު ޓީވީގެ “ހަބަރަށް ފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އިންތި ވަނީ މީކާއީލްގެ ޝަޚުޞިއްޔަތާ މެދު ސުވާލު އުފައްދަވައި، އޭނާއަކީ މިނިވަންކަމާއެކު ނިންމުންތައް ނިންމޭނެ ބޭފުޅެއް ނޫން ކަމަށް ތުހުމަތު ކުރައްވާފައެވެ.
އިންތިގެ ވާހަކަފުޅުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މީކާއީލް އަޅާކިޔުއްވަމުން ވިދާޅުވީ، ރައީސް ނަޝީދަކީ ސީދާ އަމިއްލަ ޝަޚުޞިއްޔަތެއް ކަމަށާއި އެއީ އެއްވެސް މީހެއްގެ ހިޔަންޏެއް ނޫން ކަމަށެވެ. “ރައީސް މުޙައްމަދު ނަޝީދަކީ ހިޔަންޏެއް ނޫން. އެހެން އެއްވެސް މީހެއްގެ ހިޔަންޏެއް ނޫން އެބައެނގޭ. އެހެން އެއްވެސް މީހަކާ އެއްކަލަ އަނބުރާލެވޭނެ ބޭފުޅެއް ވެސް ނޫން. އެހެން އެއްވެސް ބޭފުޅެއްގެ ދަށުވާނެ ބޭފުޅެއް ވެސް ނޫން،” އިންތި ވިދާޅުވިއެވެ.
މީކާއީލަށް ފާޑުވިދާޅުވަމުން އިންތި އިތުރަށް ވިދާޅުވީ، މީކާއީލަކީ ކޮންމެވެސް ބޭފުޅެއްގެ ހިޔަންޏެއް ކަމަށާއި، އޭނާ ވާހަކަ ދައްކަވަނީ ޙަޤީޤަތް ފޮރުވައިގެން ޝަޚުޞިއްޔަތު އޮޅުވާލައިގެން ކަމަށެވެ. މީކާއީލް ވަށައިގެން ތިއްބެވީ އޭނާ ކޮންޓްރޯލް ކުރާނެ މީހުން ކަމަށާއި، އެއީ ވަރަށް ދެރަ މައްސަލައެއްގެ ގޮތުގައި އިންތި ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް އަންނަންވާނީ އެހެން ބައެއްގެ ނުފޫޒުން އަނބުރާލެވޭނެ މީހެއް ނޫން ކަމަށް އިންތި ވިދާޅުވިއެވެ. “އެމް.ޑީ.ޕީ ކަހަލަ ޕާޓީގެ ޗެއަރޕާސަނަކަށް ވަޑައިގެންނުވާނެ އެހެން ފަރާތްތަކަކު، އެހެން ބަޔަކު ނުފޫޒުން އަނބުރާލެވޭނެ ބޭފުޅަކު. މި ޕާޓީގެ ޗެއަރޕާސަނަކަށް އަންނަންވާނީ ސީދާ މީހާ،”އިންތި ވިދާޅުވިއެވެ.
އިންތި މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ވަނީ ޕާޓީގެ ލީޑަޝިޕަށް އަންނަ ބޭފުޅުންނަކީ ނުފޫޒުން އެއްކިބާވެފައިވާ، ވަރުގަދަ ޝަޚުޞިއްޔަތުތަކަކަށް ވާންޖެހޭނެ ކަމަށް ބާރުއަޅުއްވާފައެވެ.