އެ ސިޓީގައި އެދިފައިވަނީ ފުލުހުން ހިފަހައްޓާފައިވާ އަދަދު ނޫހުގެ ހުރިހާ އިލެކްޓްރޯނިކް ސާމާނު ދޫކޮށްލުމަށާއި، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލު ކުރުމަށެވެ. މީގެ އިތުރުން، ޗެނެލް 13 ގެ ލައިވް ބްރޯޑްކާސްޓިން ހުއްޓައިލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި އެންގުމާ ގުޅޭގޮތުން ވެސް އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސިޓީގައި ސޮއިކުރި ޖަމިއްޔާތައް
ރައީސް މުއިއްޒުއަށް ފޮނުވި މި ސިޓީގައި ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކަކީ:
ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (CPJ)،
ރިޕޯޓާސް ވިތައުޓް ބޯޑާސް (RSF)،
ސިވިކަސް: ވޯލްޑް އެލަޔަންސް ފޯ ސިޓިޒެން ޕާޓްނަޝިޕް،
އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (IPI)،
ފޯރަމް އޭޝިއާ،
ހިއުމަން ރައިޓްސް ވޮޗް (HRW) އަދި
ރޮބާޓް އެންޑް އީތެލް ކެނެޑީ ހިއުމަން ރައިޓްސް ސެންޓަރު އެވެ.
ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި ބަންޑާރަނައިބުގެ އޮފީހަށް ވެސް ކޮޕީކޮށްފައިވާ އެ ސިޓީގައި ޖުމުލަ ހަތް ކަމަކަށް ވަނީ ގޮވާލާފައެވެ. އޭގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ރާއްޖެއިން ދެމުން އައި އަހަންމިއްޔަތުކަން އަލުން ކަށަވަރުކޮށްދިނުމާއި، ނޫސްވެރިންނަށް ފުލުހުން ހިންގާ މަޖުބޫރުކުރުމުގެ އަމަލުތައް ހުއްޓާލުން ހިމެނެއެވެ.
ޖަމިއްޔާތަކުން އިތުރަށް ގޮވާލާފައިވަނީ ނޫސްވެރިކަމާ ގުޅުންހުރި މައްސަލަތަކުގައި ޖިނާއީ ދައުވާ އުފުލުމުގެ ބަދަލުގައި، މަދަނީ ހައްލުތައް ހޯދުމަށް މިނިވަން ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުމަށެވެ. އަދި ނޫސްވެރިންނާ ދެކޮޅަށް އަޅާ ހުރިހާ ފިޔަވަޅަކީ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ އެއްގޮތަށް އަޅާ ފިޔަވަޅުތަކަކަށް ވުމަށް ވެސް ބާރުއަޅާފައިވެއެވެ.
ސިޓީ ނިންމާލަމުން ޖަމިއްޔާތަކުން ވަނީ ސިޔާސީ ހަރަކާތްތައް ދެއްކުމަށް ހުރަސްއެޅުމަށް ރެގިއުލޭޓަރީ އިދާރާތައް ނަހަމަ ގޮތުގައި ބޭނުންކުރުމުން ދުރުހެލިވުމަށާއި، ދައުލަތުގެ އިސްވެރިންނަށް ކުރެވޭ ތުހުމަތުތައް މިނިވަންކަމާއެކު ބެލޭނެ އިންތިޒާމު ކަށަވަރުކޮށްދިނުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.