އެމްޑީޕީގެ އެތެރޭގައި ފެކްޝަންތައް އޮތުމަކީ ޕާޓީއަށް ލިބޭ ކުރިއެރުމެއް ކަމަށާއި އެއީ ރަނގަޅު ކަމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ‘ދައުރު’ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މައްސަލަ ޖެހުނީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެގެން ކަމަށެވެ. ނަމަވެސް، ރައީސް ސޯލިހަކީ އަބަދުވެސް އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. ޕާޓީގެ އެތެރޭގައި ފެކްޝަންތައް އޮތުމުން ވަކި ލީޑަރަކު ހުދުމުހުތާރުވުމުގެ ބަދަލުގައި، މަޝްވަރާގެ އުސޫލުން ޕާޓީ ހިންގުމަށް މަޖުބޫރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، “އަޅުގަނޑަކަށް ވެސް ނެތް ކަމެއް އެކަނި ގޮސް ކޮށްލެވޭކަށް. ރައީސް ސޯލިހަކަށް ވެސް ނެތް. އަބްދުﷲ ޝާހިދަކަށް ވެސް ނެތް. ފައްޔާޒު އިސްމާއީލަކަށް ވެސް ނެތް. ހަމަ އެކީގައި އައިސް ވާހަކަތަކެއް ދައްކަން ޖެހޭ ކޮންމެ ކަމެއްގައި ވެސް،”ކަމަށެވެ. އަދި އެމަނިކުފާނުގެ ޗެއާޕާސަންކަމުގެ ދައުރެއްގައި ފެކްޝަންތައް ބަލައިގަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރުގެ ސިޔާސީ މަސްރަހަށް ބަލާއިރު، ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރަމުންދަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ފެކްޝަނާ ގުޅިގެންނެވެ. މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ފައްޔާޒު ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.
މި ދަނޑިވަޅުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ މީކާއިލް ނަސީމް ވިދާޅުވަމުން ގެންދަވަނީ އޭނާއަކީ އެއްވެސް ފެކްޝަނަކަށް ބުރަނުވާ، މިނިވަން ކެންޑިޑޭޓެއް ކަމަށެވެ. ނަމަވެސް ނަޝީދުގެ ވާހަކަފުޅުން އެނގެނީ ޕާޓީގެ ކުރިމަގު ބިނާވެފައިވަނީ އެކި ފެކްޝަންތަކުގެ މެދުގައި ކުރެވޭ މަޝްވަރާތަކުގެ މައްޗަށް ކަމެވެ.