އިންސާނާއަށް ދިމާވާ ކަންބޮޑުވުންތަކާއި ނުތަނަވަސްވުން އަދި މާޔޫސްވުން ފަދަ ކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު އަގީދާކަމަށް އިއްޔެގެ ހުކުރު ހުތުބާބާގައި ބުނެފިއެވެ.
އިއްޔެގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައި އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާއެއްގެ މުހިންމުކަމުގެ މައްޗަށެވެ.
ހުތުބާގައި ބުނެފައިވަނީ އިންސާނާއަށް މެދުވެރިވާ ކަންބޮޑުވުންތަކާއި، ނުތަވަނަސްވުމާއި، މާޔޫސްވުން ފަދަ ކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު އަގީދާގެ އިތުރުން ﷲ ސުބުހާނަހޫ ވަތައާލާގެ ގަލާގަދަރަށް އީމާންވުން ކަމަށެވެ.
“އިންސާނާއަށް މެދުވެރިވާ ކަންބޮޑުވުންތަކާއި، ނުތަވަނަސްވުމާއި، މާޔޫސްވުން ފަދަ ކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު ޢަޤީދާއެވެ. އޭނާ ﷲ ސުބުހާނަހޫ ވަތަޢާލާގެ ޤަޟާޤަދަރަށް އީމާންވާތީއެވެ. އެކަލާނގެއީ ތައުބާވާމީހުންގެ ތައުބާ ޤަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެކަން ޤަބޫލުކުރާތީއެވެ. އަދި އަޅުތަކުން ކުރާ ދުޢާ އިޖާބަކުރައްވާ ފަރާތަކީ މާތްﷲ ކަން ހިތުގެ އަޑިން ޤަބޫލުކުރާތީވެސްމެވެ.”
މީގެ އިތުރުން ހެޔޮ މިންވަރާއި ނުބައި މިންވަރަށް ފުރިހަމައަށް އީމާންނުވާ މީހުން އަބަދުވެސް ބާލާނީ އެ މީހުންގެ އަމިއްލަ މަސްލަހަތަށް ކަމަށްްވެސް އިއްޔެ ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ ގޮތަށް އަމަލުކުރުމަކީ އެހެން މީހުންނަށް ގެއްލުން ލިބޭ ކަމެއްކަމުގައި ވީ ނަމަވެސް އެމީހުން އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
“އަދި ބައެއް މީހުން އެ މީހުންގެ އަމިއްލަ ނަފުސަށް ގެއްލުންދީ، ނުރައްކަލުގެ ތެރެއަށް ފުރާނަ ހުށަހަޅޭ ކަންކަމަށް އަރައިގަންނަމުން ދަނީވެސް މިންވަރަށް އީމާން ނުވެވޭތީއެވެ. އެހެންކަމުން އަހަރެމެންގެ ދަރިންނަށް އިސްލާމީ ޢަޤީދާ ކިޔަވައިދިނުމަކީ އަހަރަމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިއްމު މަސްއޫލިއްޔަތެވެ.”