ޚަބަރު
އައިވީއެފް ފަރުވާ އާސަންދައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިފި
ރައީސް ޑރ. މުއިއްޒު މިއަދު ބޭއްވި ޕްރެސްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާ އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިއަދު ހަވީރު ރައީސް ބޭއްވި ޕްރެސް ކޮންފަރެންސްގައި އެންމެފަހުން ބޭއްވެވި ކެބިނެޓް ބައްދަލުވުމުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ގިނަ ކަންތައްތަކެއް ނިންމަވާފައިވާ ކަމަށާއި، އޭގެ ތެރޭގައި ރިޔާސީ ވައުދުތަކުގައި ހިމެނޭ އައިވީއެފް ހިދުމަތް އާސަންދައިން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

“މިއީ ކުރީގައި އޮންނަ ކަމެއް ނޫން. އެކަމަކު އެއީ އަޅުގަނޑުމެން ވީ ވައުދެއް، ދެން އެކަންވެސް ދިރާސާކޮށް އަޅުގަނޑުމެން މި ނިންމީ އައިވީއެފް ޓްރީޓުމެންޓު ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން،” ރައީސް ވިދާޅުވިއެވެ.

އެކަން ހިމެނޭ ގޮތަށް އާސަންދައިގެ ގަވާއިދު ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ހިދުމަތްތައް ދިނުމަށް އުސޫލެއް އެކުލަވާލައި، އައިވީއެފް، އައިޔޫއައި ހިދުމަތްދެވޭ ގޮތް ކުރިއަށް އޮތްތަނުގައި އިއުލާންކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެސް އެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އޭގެ އިތުރުން ފާޓިލިޓީ ކެއާއަށް ހާއްސަ ސެންޓަރެއް ގާއިމުކުރާނެ ކަމަށާއި ފާޓިލިޓީ ކަންކަމަށް ހާއްސަ ފަންޑެއް ދައުލަތުގެ ބަޖެޓުން ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު 30 މިލިއަން ރުފިޔާގެ ފާޓިލިޓީ ކެއާ ފަންޑެއް ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *