މާތް الله އިންސާނުން ހައްދަވާފައި ވަނީ ފާފަކުރެވޭ ބައެއްގެ ގޮތުގައެވެ. ނަމަވެސް ފާފައެއް ކުރެވިއްޖެނަމަ ވީ އެންމެ އަވަހަކަށް ތައުބާވާންޖެހެއެވެ. ފާފަތައް ފާޅުކޮށް މީސްތަކުންގެ ތެރޭގައި ފާފަތައް ފާޅުވުމަށް ލޯބިކުރުމަކީ މާތް الله ގެ ކޯފާ އައިސްދާނެކަމެއް ކަމަށް ބިރުވެތިވާން ޖެހެއެވެ.
އުއްމުސަލަމާ ރަޟިޔަ الله ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. «إِذَا ظَهَرَتِ الْمَعَاصِي فِي أُمَّتِي عَمَّهُمُ اللهُ بِعَذابٍ مِنْ عِنْدِهِ» މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުގައި ފާފަކުރުން ފާޅުވެ ޢާއްމުވެއްޖެނަމަ الله ގެ ޙަޟްރަތުން އެބައިމީހުންގެ މައްޗަށް ޢާއްމުވެގެންވާ ޢަޒާބެއް ފޮނުއްވާފައި ހުއްޓެވެ.” ތިމަންކަމަނާ ދެންނެވީމެވެ. އެމީހުންގެ ތެރޭގައި ޞާލިޙުން ނުވާނެތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އަދި ކިއެއް ހެއްޔެވެ. އާނއެކެވެ.” (އަޙްމަދު، ޠަބްރާނީ)
ފާފައެއް ކުރާ މީހެއް ނުވަތަ ފާފައެއް އަހަރެމެންނަށް ފެނިއްޖެނަމަ އެކަމެއް ނަހީ ކުރެއްވުމަށް ނަބިއްޔާ ﷺ ވަނީ އަންގަވާފައެވެ. އަދި ފާފަތައް މަނާކުރުމުގެ ތިން ދަރަޖައެއް ވަނީ ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ފާފައެއް ކުރާތަން ފެނިއްޖެނަމަ އަތުން އެކަމެއް މަނާކުރަން އެންގެވިއެވެ. އެކަމަށް ކުޅަދާނަނުވެއްޖެ މީހާ ދުލުން އެކަމެއް މަނާ ކުރަން ވަނީ އަންގަވާފައެވެ. އަދި އަތުންނާއި ދުލުން ފާފަތައް މަނާ ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާ ހިތުން އެކަމަކަށް ނުރުހެން ޖެހެއެވެ. އަދި ހަމައެކަނި ހިތުން ފާފައަށް އިންކާރުކޮށް މަނާކުރުމަކީ އީމާންކަމުގެ އެންމެ ދަށު ދަރަޖަކަމުގައި ނަބިއްޔާ ﷺ ވަނީ ބަޔާންކޮށްދެއްވާފައެވެ. ބަޔާންވެގެން މި ދިޔަ ގޮތަށް ފާފަތައް މަނާކުރެވޭ ކަމުގައި ވާނަމަ އަހަރެމެންގެ ތެރޭގައި ފާފަތައް މަދުވެ ފަސާދަ މަދު ބައެއް ކަމުގައި މާތް الله ގެ އިރާދަފުޅާއެކު އަހަރެމެން ލައްވާނެކަން ޔަޤީނެވެ.
ފާފަތައް ފާޅުވެގެން ދާއިރު އެކަން މަނާކުރެވޭނެ މީހުން އެ ފާފަތައް މަނާ ނުކޮށް އެއަށް ތާއީދުކުރަން ތިބުމަކީ އަހަރެމެންގެ ތެރެއިން ފެންނަކަމެކެވެ. ނަމަވެސް މިއީ ނަބިއްޔާ ﷺ އަހަރެމެންނަށް ބިރުވެރި ޚަބަރު ދެއްވާފައިވާ ކަމެކެވެ. އަބޫބަކްރު އައްޞިއްދީޤު ރަޟިޔަ اللهޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު الله ﷺ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭފާނު އެއްސެވީމެވެ. «إِنَّ النَّاسَ إِذَا رَأَوُا الظَّالِمَ فَلَمْ يَأْخُذُوا عَلَى يَدَيْهِ أَوْشَكَ أَنْ يَعُمَّهُمُ اللَّهُ بِعِقَابٍ مِنْهُ» “މީސްތަކުންނަށް އަނިޔާވެރިޔާ ފެނި އޭނާގެ އަތުގައި ނުހިފި ނަމަ، (އޭނާ އެކަމުން ދުރު ނުކުރިނަމަ) ޢާއްމުވެގެންވާ ޢަޛާބެއް މާތް ﷲ އެބައިމީހުންގެ މައްޗަށް ފޮނުއްވުން ގާތެވެ.” (ޖާމިޢުއްތިރްމިޛީ)
އެހެނީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާ ކުރުމަކީ އިސްލާމްދީން ނުހަނު ބާރުއަޅާ ކަމެކެވެ. މިއީ އެހެނިހެން އުންމަތްތަކުގެ މައްޗަށް މި އުންމަތުގައި ހެޔޮކަން ދެމި އޮތުމުގެ އެންމެ ބޮޑު ސަބަބެވެ. މިކަން ދޫކޮށްލުމަކީ އެކަލާނގެ ޢަޒާބަށް ހުށަހެޅުމުގެ ސަބަބެކެވެ.