ޚަބަރު
ޝިޔާމަށް މުސާރަ ދޭން ކުރި ހުކުމް ސްޕްރީމް ކޯޓަށް

ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިކުރި މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ހައިކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ މަގާމުގައި ހުންނަވަނިކޮށް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ޝިޔާމް ވަޒީފާއިން ވަކިކުރީ މެއި 2014 ގައެވެ. މި މައްސަލާގައި ސިވިލް ކޯޓުން ކުރިން ނިންމާފައިވަނީ އޭނާއަށް އަލުން ވަޒީފާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، މިދިޔަ މަހު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، ޝިޔާމް ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ ހުރިހާ މުސާރައެއް ދިނުމަށް އަމުރުކޮށްފައެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައިކޯޓުގެ ހުކުމުގައިވާ 12 އަހަރުގެ މުސާރައާއި އިނާޔަތް ދޭންޖެހޭ ބައި ބާތިލުކޮށްދިނުމަށެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އުސޫލުތަކަށް ބަލާއިރު، ވަޒީފާ އަނބުރާ ދޭ ހާލަތްތަކުގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ އުޖޫރައެވެ. އަދި ވަޒީފާ އަނބުރާ ނުދޭ ނަމަ، އެ މުއްދަތު އެއް އަހަރަށް އިތުރުވެގެންދެއެވެ.

ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނާނީ ދައުލަތަށެވެ. ފުލުހުންގެ ވަޒީފާގެ މައްސަލަތަކުގައި ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ ތަހުގީގެއް ހިންގާފައިވޭތޯ ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ޝިޔާމްގެ މައްސަލާގައި އެކަން ސާބިތުވާނެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ހައިކޯޓުން ބުނެފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފު މަރުހަލާ ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، މިއީ ވަޒީފާއާ ބެހޭ ގާނޫނީ އުސޫލުތަކުގެ ތެރެއިން ބޮޑު ބަދަލެއް އަތުވެދާނެ މައްސަލައެއްގެ ގޮތުގައި ބެލެވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *