ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ސަރުކާރުން މިއަދު ހުޅުވާލައިފިއެވެ. ހައުސިންގ މިނިސްޓްރީން ބުނިގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ.
މި ފުރުޞަތު ހާއްސަކޮށް ހުޅުވާލާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ފޯމް ފުރުމަށް ދަތިވާ ފަރާތްތަކާއި، 18 އަހަރު ފުރިފައިނުވާ ކުދިންގެ ބެލެނިވެރިންނަށެވެ. މިފަދަ ފަރާތްތަކުގެ ބަދަލުގައި ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށެވެ. އަދި ފޯމާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ސާބިތުކުރުމަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހިންގާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގުރާމުގެ ތެރެއިން މި ކެޓަގަރީއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މީގެ ކުރިން އޮތް އުސޫލަށް ބަދަލު ގެނެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު މިހާރު ވަނީ ކުޑަކޮށްދީފައެވެ.
އަލަށް ގެނައި ބަދަލުތަކާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފްލެޓަށް އެދި ހުށަހެޅޭނީ މާލޭ ސަރަހައްދުގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ މީހުންނަށެވެ. މީގެ އިތުރުން، ރަށުން ނުވަތަ އަތޮޅުން އެކަށީގެންވާ ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދަށް ބަދަލުވާން ޖެހިފައިވާ ފަރާތްތަކަށްވެސް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ވޭތުވެދިޔަ 1 އަހަރު މާލެ ސަރަހައްދުން ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެއެވެ.
ސަރުކާރުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. އެހެން ހުރިހާ ކެޓަގަރީތަކާއި ސްކީމުތަކަށް އެދުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް ހަމަވި ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދިނުމުގެ ގޮތުން އެފަރާތްތަކަށް އަންނަ މަހުގެ 15 އާ ހަމައަށް މުއްދަތު ވަނީ އިތުރުކޮށްދީފައެވެ.