ސިޔާސީ
މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ނަޝީދުގެ ތަޖުރިބާ: ފައްޔާޒު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމަކީ ގާބިލު ބޭފުޅެއް ކަމަށާއި، އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިކުމަތްތެރިކަމާއި ދުރުވިސްނުންފުޅު އެމްޑީޕީގެ އޮޑިއަށް މިވަގުތު ކޮންމެހެން ވެސް ބޭނުންވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ. ފައްޔާޒު މިހެން ވިދާޅުވީ އަންނަ މަހުގެ 12 ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދަށް ތާއީދު ހޯއްދެވުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރު އޭނާ ޗެއާޕާސަން ކަމާ ހަވާލުވީ ޕާޓީގެ އޮޑި ވަރުގަދަކޮށް ބާރަށް ދުއްވުމުގެ ނިޔަތުގައެވެ. ނަމަވެސް އެކި މައްސަލަތަކާ ހެދި ފަޅުވެރިން ފޭބުމާއި، ރިޔާ ބިދި ހުންގާނު ހަލާކުވުން ފަދަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކުރި މަސައްކަތަކީ އެ އޮޑި އަޑިއަށް ނުގޮސް އަމާން ބަދަރަކަށް ގެންދިއުން ކަމަށާއި، އެކަން ކާމިޔާބުވި ނަމަވެސް މިހާރު މުޅި މަންޒިލު ބަދަލުކުރަން ޖެހިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މި އިންތިހާބުގައި ވާދަކުރައްވާ މީކާއިލް ނަސީމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، “މި އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބެއް. އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓު [މީކާއިލް ނަސީމް]އަކީ ވަރަށް ޒުވާން، ވަރަށް ގާބިލު ވަރުގަދަ ބޭފުޅެއް. މި ޕާޓީއަށް ވަރަށް ހިދުމަތް ކުރައްވާފައިވާ އަދިވެސް ކުރައްވަމުންދާ ބޭފުޅެއް. ނަމަވެސް މިއަދު މި ހާލަތުގައި އަޅުގަނޑުމެން އެ މަންޒިލަށް ދާން ކޮންމެހެން ވެސް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ރައީސް ނަޝީދުގެ ތަޖުރިބާ އާއި ރައީސް ނަޝީދުގެ ހިކުމަތްތެރިކަމާއި ވިސްނުންފުޅާ އެކު މި އޮޑި ކުރިއަށް ގެންދަން،” މިހެންނެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އެމްޑީޕީން ދެން ވެރިކަމާ ހަވާލުވާން ޖެހޭނީ ބޮޑު ބަދަލެއް ގެންނާނެ ކަމުގެ ވައުދާ އެކު ކަމަށާއި، އެންމެން ގޮވައިގެން އެ މަންޒިލަށް ދިއުމަށް ނަޝީދު ހުންގާނުގައި ހުރުން މުހިންމު ކަމަށެވެ. އަދި އަންނަ މަހު އޮންނަ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އެ އިންތިހާބަށް ފަހު ދެން ފެށިގެންދާނީ މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލްގެ މައިގަނޑު ސިޔާސަތަކީ އެމްޑީޕީގެ ލީޑާޝިޕް އަބަދު އެއް ބައެއްގެ އަތްމަތީގައި ނުބާއްވައި، އާ ޖީލަކަށް ޕާޓީ ހިންގުމުގެ ފުރުސަތު ދިނުމެވެ. ނަމަވެސް ފައްޔާޒު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް، ޕާޓީގެ ތެރެއިން އެއްވެސް މީހަކު ބާކީވާން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *