އެންމެ އަމުރަކުން ބަންދުކޮށްލީ މުޅި ރައްޔިތުންގެ ދޫ ކަމަށްބުނެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފައްޔާޒް މިހެން ވިދާޅުވީ ‘އައިޝާ’ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ހުރިހާ ރައްޔިތުންގެ މައްޗަށް ނެރުނު އަމުރާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވަނީ، އެންމެ 14 ދުވަހުގެ ތެރޭގައި “ހަވާ ފަޓާސްބަރިއެއްހެން” ހިންގި އައިރު ގާނޫނީ ތަހުގީގަކަށް ފަހު، ‘އަދަދު’ ނޫހުގެ ފިޔާޒު އާއި ހަސަންގެ މައްޗަށް ދައުވާ އުފުލުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ ނޫސްވެރިންގެ މަސައްކަތް އެގޮތަށް ހުއްޓުވާލެވިދާނެ ކަމަށް ދެކިގެން ނުވާނެ ކަމަށާއި، ރައްޔިތުން ތިބީ ނޫސްވެރިންނާއެކު ކަމަށެވެ.
ފައްޔާޒު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، މި ޝަރީއަތް ފެށުމުގެ ކުރިން ވަކި ގޮތެއް ނިމިފައި އޮތް މަންޒަރު ދިވެހި ރައްޔިތުންނަށް ސާފުކޮށް ފެންނަން އެބައޮތެވެ. “ނޫސްވެރިން ކުރާ މަސައްކަތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލާނީ ހުދުމުހުތާރު ވެރިން. ސިއްރު ޝަރީއަތެއް ހިންގައި ދެ ނޫސްވެރިޔަކު ޖަލަށް ލުމަށް މުއިއްޒު އުޅުއްވުމަކީ ބިރުވެރިކަމެއް،” ފައްޔާޒު ވިދާޅުވިއެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ފައްޔާޒު ވަނީ މިކަން ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ގޮވާލައްވާފައެވެ. އަދި ވެރިޔަކަށް ހުންނަ މީހާ ބޭނުންވީމާ އާންމުވެގެންވާ އަދަބެއް ރައްޔިތުންނަށް ނުދެވޭނެ ގޮތަށް ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.