ސިޔާސީ ހަރަކާތްތައް ހިންގުމުގައި “އައިޝާ” ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ ހުދޫދުގެ ތެރެއިން އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހުރިހާ ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ.
ކޮމިޝަނުން މިގޮތަށް އެންގީ ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވާފައިވާ އަމުރަކާ ގުޅިގެން، ސިޔާސީ ޕާޓީތަކަށް ފޮނުވި ރަސްމީ އީމެއިލެއްގައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ފޮނުވި އީމެއިލްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލޭނޭ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އެކަމަށް ހުރިހައި ސިޔާސީ ޕާޓީތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.
މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އެ ކޮމިޝަނަށް މި އަމުރު ފޮނުއްވީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ. އަދި އެ އަމުރު ސިޔާސީ ޕާޓީތަކާ ހިއްސާކުރުމަށާއި، ޕާޓީތަކުން އެ އަމުރާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުމަށް ވެސް ޕީޖީ އޮފީހުން އަންގާފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ‘އަދަދު’ ނޫހުގެ ސީއީއޯ ސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލަ ކޯޓުން ބަލަމުންދާތީއެވެ. މި އަމުރުގެ ތަފްސީލު ހާމަވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެ އަމުރަށް ރިއާޔަތްކޮށް ސިޔާސީ ޕާޓީތަކަށް މައުލޫމާތު ހިއްސާކުރުމާ ގުޅިގެންނެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އަދަދު ނޫހުން އާންމުކުރި “އައިޝާ” ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން ވަނީ މުޅިން މަނާކޮށްފައެވެ. މީގެ އިތުރުން އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމާއި، މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމަށް ބަޔާންކޮށްފައިވެއެވެ.
މި މައްސަލަ އުފެދުނު ޑޮކިއުމެންޓަރީގައި އިންޓަވިއުދިން އަންހެން މީހާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް، އެ ވީޑިއޯ އާންމުކުރުމުގެ ކުރިން ސަރުކާރުގެ ތަރުޖަމާނު ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. މިއަހަރުގެ މާޗު މަހު އާންމުކުރި މި ޑޮކިއުމެންޓަރީއާ ގުޅިގެން މިހާރު ދަނީ ޝަރުއީ މަރުހަލާގައި މައްސަލަ ބަލަމުންނެވެ.