ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޖިންސީ ތުހުމަތުތަކެއް ކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ބަސް ގެނެސްދިން ޑޮކިއުމެންޓަރީ “އައިޝާ” މުޖްތަމައުގައި ނުފެތުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު ގެގް އޯޑަރުގައި އަންގާފައި ވަނީ މައްސަލަ ނިމެންދެން އެ ޑޮކިއުމެންޓަރީ އެއްވެސް ސިފައެއްގައި ފެތުރުން ހުއްޓާލުމަށެވެ.
މި މައްސަލައިގައި “އަދަދު” ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން މިހާރު ވަނީ ރަސްމީކޮށް ޖިނާއީ ދައުވާ އުފުލާފައެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ކުރަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާއެވެ. ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ ނޫހުގެ އެޑިޓަރުންގެ ގޮތުގައި ތިބެ، ރައީސް މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް އާންމުކޮށްފައިވުމެވެ.
ފިޔާޒް އާއި ހަސަންގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން ފެށިތާ 14 ވަނައަށް ވީ ދުވަހުއެވެ. މި މައްސަލަ ތަހުގީގު ކުރަން ފަށާފައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ ޑޮކިއުމެންޓަރީއާ ގުޅޭގޮތުން ސުވާލު ކުރުމުން، އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެކަން ބަލައި ދިނުމަށް ރައީސް މުއިއްޒު އެދިވަޑައިގަތުމާ ގުޅިގެންނެވެ.
ރައީސް މުއިއްޒު އެ ބައްދަލުވުމުގައި ވިދާޅުވީ، “ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ. އަދަދު ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯގެ ވާހަކަ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،” ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ މީގެ ކުރިން “އަދަދު” ނޫހުގެ އޮފީސް ބަލައި ފާސްކޮށް، 20 އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފައެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކުތައް ހިމެނެއެވެ. ފުލުހުން އެ އޮފީހަށް ރެއިޑު ކުރީ ރައީސް އެކަން ތަހުގީގު ކުރަން އެންގެވިތާ 12 ގަޑިއިރު ނުވަނީހެވެ.