އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް، ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ، އަދި އޭނާގެ ދެ ބޭފުޅުންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އޭސީސީގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، ޖުލައި 13، 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150,000 އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވެއެވެ. މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް ދެއްކުމަށް އެ ކުންފުންޏަކުން މަސައްކަތް ކޮށްފައިވާ ކަމަށާއި، ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން، ތ. އޮޅުގިރި ކުއްޔަށް ދިނުމުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ވެސް ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ވަނީ އެނގިފައެވެ. އެ ރަށް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި މަސައްކަތް ނިންމާފައި ނުވާތީ، އެ ރަށް އަނބުރާ ދައުލަތަށް ނެގުމަށް ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވަން ވެސް އޭސީސީން ވަނީ ނިންމާފައެވެ.
އޭސީސީން ޕީޖީ އޮފީހުގައި އެދިފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އުފުލުމާ އެކު، އެ ކުންފުންޏަށް ލިބުނު 150,000 ޑޮލަރު އަނބުރާ ދައުލަތަށް ހޯދައިދިނުމަށެވެ. މިއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ތަހުގީގުގެ ތެރެއިން ކުރިއަށްދާ މައްސަލައެކެވެ.
ކޮމިޝަނުން އިތުރަށް ބުނި ގޮތުގައި، އެމްއެމްޕީއާރުސީއާ ގުޅޭ އިތުރު ސީރިއަސް މައްސަލަތަކެއްގައި ދައުވާ ކުރުމާ މެދު ޕީޖީ އޮފީހާ އެކު މިހާރު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި މި ހިޔާނާތުގައި ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް ވަނީ އުސޫލުން ބޭރުން ދޫކޮށްފައެވެ.