އިލެކްޓްރޯނިކް ޕާސްޕޯޓު ޕްރިންޓުކުރަން ބޭނުންކުރާ ބުކްލެޓު ހުސްވެ ޕާސްޕޯޓު ދޫކުރުން މެދުކެނޑުމާ ގުޅިގެން އާއްމުންގެ ފާޑުކިޔުން އިތުރުވެފައިވާތީ، އެ ވާހަކަތައް އޮއްބާލުމުގެ ގޮތުން މާލޭ ސަރަހައްދުގައި “ބޮޑު ރެއިޑް އޮޕަރޭޝަނެއް” ހިންގުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވާކަން އިމިގްރޭޝަނުގެ އިސް މުވައްޒަފަކު ވަނީ “ތިލަފަތަށް” އަށް ކަށަވަރުކޮށްދީފައެވެ. ނަން ހާމަނުކުރުމަށް އެދި އޭނާ ބުނީ، މިއީ މުއައްސަސާގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) ރަނގަޅު ކުރުމަށް ރޭވިފައިވާ ކަމެއް ކަމަށެވެ.
އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ހުއްޓާލުމާ ގުޅިގެން ގިނަ ބަޔަކަށް ދަތިއުނދަގޫތަކެއް ކުރިމަތިވަމުންދާތީ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އިމިގްރޭޝަނަކީ ޒިންމާދާރުކަން ކުޑަ މުއައްސަސާއެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔަމުންނެވެ. މިކަމުގެ ސަބަބުން އިމިގްރޭޝަނުން ދަމަހައްޓަމުން އަންނަ ތަސައްވުރަށް ގެއްލުން ލިބޭނެ ކަމަށް އެ މުއައްސަސާއަށް ގަބޫލުކުރެވެއެވެ.
މި ފާޑުކިޔުންތަކުން ސަލާމަތްވުމަށްޓަކައި އިމިގްރޭޝަނުން ނިންމާފައިވަނީ ބިދޭސީންގެ ކަންކަން ހައްލުކުރުމުގެ ނަމުގައި މާލޭ ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް ހިންގައި، އެ އޮޕަރޭޝަނުގެ ޚަބަރުތައް މިއަދާއި މާދާމާ ރާއްޖޭގެ ނޫސްތަކުގައި ގަދައަށް ފެތުރުމަށެވެ. މިއީ އާންމުންގެ ސަމާލުކަން ޕާސްޕޯޓުގެ މައްސަލައިން އަނބުރާލުމަށް ކުރާ ކަމެއް ކަމެކެވެ.