އިދިކޮޅު މޯލްޑިވިއަން ޑީމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ އިސް ދެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަގުތު ތިއްބެވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެވެ.
ރައީސް ނަޝީދު ދިއްލީއަށް ވަޑައިގެންނެވީ މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމަކަށެވެ. ރައީސް ސޯލިހު ދިއްލީއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. ސޯލިހުގެ އަރިސް ބޭފުޅުން ވަނީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށް ހާމަކޮށްފައެވެ. “ތިލަފަތަށް” މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ވަޑައިގެންނެވީ އިންޑިއާ ސަރުކާރުން މެދުވެރިވެގެން ކުރިއަށްގެންދާ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުމާއި ގުޅޭ ސިޔާސީ މަޝްވަރާތަކަކަށެވެ.
މި ދަތުރުފުޅުގައި އެމްޑީޕީގެ އެތެރޭގެ މައްސަލަތަކާއި، ޕާޓީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންތަކުގެ ދެބަސްވުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕާޓީ ތައްޔާރުވުމާ ގުޅޭގޮތުން އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންތަކެއް މެދުވެރިވެ ދެ ބޭފުޅުންގެ މެދުގައި ވާހަކަދެކެވޭނެއެވެ.
މިވަގުތު އެމްޑީޕީގެ އެތެރޭގެ ސިޔާސީ މަސްރަހު އޮތްގޮތުން ރައީސް ނަޝީދު ގެންދަވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ރައީސް ސޯލިހު ތާއީދު ކުރައްވަނީ އެ މަގާމަށް މީކާއީލް އަހުމަދު ނަސީމު ގެނައުމަށެވެ. މި ދެ ބޭފުޅުން ދިއްލީގައި ބައްދަލުކުރެއްވިކަން އަދި ސާފެއް ނުވެއެވެ.
ނަޝީދާއި ސޯލިހުގެ ވެރިކަމުގައި އިންޑިއާއާއެކު ވަރަށް ގާތް ގުޅުމެއް ބޭއްވި ނަމަވެސް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާއާ ދެކޮޅު ސިޔާސަތެއްގައެވެ. އެހެންނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން މިހާރުގެ ސަރުކާރަށް ވެސް އިންޑިއާއާއެކު އޮތް ގުޅުން އެއްކޮށް ކަނޑާލެވޭ ގޮތް ވަނީ ނުވެފައެވެ.
ރައީސް ނަޝީދު މިއަދު މެންދުރު 11:45 ގައި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު މާލެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މި ދަތުރުފުޅުގެ ތަފްސީލު ހިއްސާކުރައްވާނެ ކަމަށް ބެލެވެއެވެ. ރައީސް ސޯލިހު އެނބުރި ވަޑައިގަންނަވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.