ޚަބަރު
ފައްޔާޒަކީ ހަގީގަތަށް ވާހަކަދައްކަވާ، ދެބަސްވާން ފަސޭހަ ބޭފުޅެއް: ވައްޑެ
ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަކީ ތެދުބަހުން ސާދާކޮށް ވާހަކަދައްކަވާ ބޭފުޅަކަށް ވީމާ އޭނާއަށް ތާއީދުކުރައްވާ ކަމަށާއި، ފައްޔާޒަކީ ކަންކަމުގައި “ދެބަސްވާން ވެސް ފަސޭހަ” ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) މިއަދު ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވީ އެމްޑީޕީގައި އެކުގައި މަސައްކަތްކުރައްވަމުން އަންނަ ދެ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދި، ފައްޔާޒް އިއްޔެ ވައްޑޭއަށް ބޮޑު ތުހުމަތެއް ކުރައްވާފައި ވަނިކޮށެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ދައުރެއް އަދާކުރި އެއް ބޭފުޅަކީ ވައްޑޭ ކަމަށެވެ. މިއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ އެކު ފައްޔާޒް މަސައްކަތްކުރައްވަން ފެއްޓެވި ފަހުން، މި ދެ ބޭފުޅުންގެ މެދުގައި ފާޅުގައި މިފަދަ ޚިޔާލު ތަފާތުވުމެއް އުފެދުނު ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑޭ ވިދާޅުވީ، އޭނާ ފައްޔާޒަށް ތާއީދުކުރަނީ ކަންކަމުގައި ޚިޔާލެއް އޮވެގެން ހަގީގަތަށް ތެދަށް ސާދާކޮށް ވާހަކަދައްކަވާތީ ކަމަށެވެ. “ދެބަސްވާން ވެސް ފަސޭހަ ބޭފުޅަކަށްވާތީ. އަޅުގަނޑުމެން ވާހަކަދައްކައި ބަހުސްކޮށް ޒުވާބުކޮށް އުޅޭތާ މި ވީހާ ދުވަހެއްވީ. އެއީ އިއްޔެއަކު ފެށުނު ކަމެއް ނޫން މާތްކަލާކޯ،” ވައްޑޭގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ޚިޔާލު ތަފާތުވުން އުފެދުނީ އިއްޔެ ވައްޑޭ ކުރެއްވި ޕޯސްޓެއްގައި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކޯލިޝަނަށް މާ ބޮޑު ހިއްސާއެއް ދިން ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީ ބަލިކަށިކުރީ ކާކުތޯ ސުވާލު އުފެއްދެވުމުންނެވެ. އެ ޕޯސްޓަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ “އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ރޯލެއް އަދާކުރި އެއް ފަރުދެއް ވައްޑެ ތިއީ” ކަމަށެވެ. ވައްޑޭ ފަހުން އެ ޕޯސްޓް ޑިލީޓް ކުރެއްވި ނަމަވެސް، ފައްޔާޒްގެ ޕޯސްޓް ޑިލީޓެއް ނުކުރައްވައެވެ.

ކުރީގެ ރައީސް ނަޝީދު ވަނީ 2028 ގެ ރިޔާސީ އިންތިޚާބުގައި ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާފައެވެ. އަދި ފައްޔާޒް އަންނަނީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު ގެންނަން މަސައްކަތްކުރައްވަމުންނެވެ. ވައްޑޭއަކީ ނަޝީދާ ވަރަށް އަރިސްކޮށް މަސައްކަތްކުރައްވާ ބޭފުޅަކަށް ވާއިރު، އޭނާ ވެސް ހުންނެވީ މި ފެކްޝަނާ އެކުގައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބުވީ ޕާޓީ ބައިބައިވުމުގެ ސަބަބުން ކަމަށް އެ ޕާޓީން ގަބޫލުކުރެއެވެ. ވައްޑޭ ވެސް ކުރިން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ނަމަވެސް، މިދިޔަ އަހަރު ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވައި، ނަޝީދާއި ފައްޔާޒާ އެކު މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *