ޚަބަރު
ހަނިފަރު ސަރަހައްދު ބަލަހައްޓާ ވޮޗްޓަވާއެއް ދަރަވަންދޫގައި ބަހައްޓަނީ
ރައީސް މުއިއްޒު ދަރަވަންދޫ ކައުންސިލާ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ހިމާޔަތްކޮށްފައިވާ ބ. ހަނިފަރު ސަރަހައްދު ބެލެހެއްޓުމަށް އިތުރު “ވޮޗްޓަވާ” އެއް ދަރަވަންދޫގައި ޤާއިމްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމަކީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ތަންފީޒު ކުރައްވާނެ ކަމެއްކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ދަރަވަންދޫއަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ރަށެކެވެ. އަދި ދަރަވަންދޫއާ ކައިރީގައި އޮންނަ ހަނިފަރު ސަރަހައްދަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަޤުބޫލު، އަދި ޓޫރިޒަމަށް ވަރަށް މުހިންމު ތަނެއްކަން ފާހަގަކުރެއްވިއެވެ.

މިހާރު ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހާއި ވޮޗްޓަވާ ހުންނަނީ އޭދަފުށީގައެވެ. މި އޮފީސް ޤާއިމުކުރެވުނީ 2013 ވަނަ އަހަރުއެވެ. ހަނިފަރު ސަރަހައްދަށް ފީނަން ދާ ޓޫރިސްޓުންގެ އަތުން 10-20 ޑޮލަރުގެ ފީއެއް ނަގާއިރު، ދިވެހިންގެ އަތުން ނަގަނީ ދެ ޑޮލަރެވެ.

އެހެންނަމަވެސް، ދޮންފަނާ އެންމެ ކައިރީގައި އޮންނަ ހަނިފަރު ސަރަހައްދު މިހާރު އޭދަފުށިން ބަލަހައްޓަމުން އަންނާތީ، ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ ސަރަހައްދު ބެލެހެއްޓުން ދޮންފަނު ކައުންސިލާ ހަވާލުކޮށްދެއްވުމަށް ރައީސް މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންފައިވެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، “މި ރަށުގައި ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތަކުން އެ ސަރަހައްދުގެ ބޭނުން ކުރުމުގައި މި ރަށަށް ބޭނުންވާ ފަސޭހަތައް ހޯދައިދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނެ” ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *