ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހު ހަމަވާތީ، އެ މަގާމުތަކަށް އައްޔަންކުރުމަށް ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު ފޮނުއްވި ދެ ނަމަކީ ހ. ސޯސަން، މުހައްމަދު ފާރިސް ތާހާ އާއި މ. ޕޮޕީ، މުހައްމަދު ޝަފީޤް މަހްމޫދެވެ. މި ދެ ނަން ފޮނުއްވާފައިވަނީ އެޗްއާރުސީއެމްގެ މިހާރުގެ ނައިބު ރައީސް މުއުމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާޢަތު އަބްދުއްރައްޒާޤްގެ ދައުރު އަންނަ މަހުގެ 8 ވަނަ ދުވަހު ހަމަވާތީއެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ޖެހެއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލެއްވި ފާރިސް ވަނީ ވިލާ ކޮލެޖުން ޤާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީ 2023 ވަނަ އަހަރު ހާސިލުކުރައްވާފައެވެ. އަދި މީގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ ދަ އާޓްސް (އެންސީއޭއޭ) އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި މަސައްކަތްކުރައްވާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ހުށަހެޅިފައިވާ ދެ ނަން މަޖިލީހުން ފާސްވުމުން، އެ ދެ ބޭފުޅުން އައްޔަންކުރެވޭނީ ކޮމިޝަންގެ މިހާރުގެ މެންބަރުންގެ ދައުރު ހަމަވާ ދުވަހުން ފެށިގެންނެވެ.