މޫސުން ގޯސްވެ، ވައިގަދަވެ އަދި ވިއްސާރަވެފައިވާ މި ދުވަސްވަރު ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ދުވަސްވަރަކީ ވައިގަދަ އަދި ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، އެކިއެކި ހާދިސާތައް ހިނގުމުގެ ފުރުސަތު އޮތް ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ވީހާވެސް ބޮޑަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި ވަކިން ޚާއްޞަކޮށްއިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓުތަކުގައި ސަލާމަތީ ކަންކަމަށް ޖަހާފައި ހުންނަ ފެންސިންގ އަދި ވަށައިގެން ޖަހާފައި ހުންނަ ވަޔަރުތައް ވައިގަދަވުމުގެ ސަބަބުން ނުއެއްލިދާނެ ގޮތަށް ރަނގަޅަށް ހަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވެފައިވާ މި ދުވަސްވަރު އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު އިތުރު ސަމާލުކަމެއް ދިނުމަށާއި، ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މޫސުން ގޯސްވެފައިވާ މި ދުވަސްވަރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް ފުލުހުންގެ އެހީތެރިކަމަށް އެދުމަށްވެސް ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.