ޚަބަރު
ޖާގަ އިތުރުކޮށް، އޮޅުހިޔާއަށް އިތުރު ބުޅާތައް ގެންދިއުމުގެ މަސައްކަތް ފަށައިފި
ބުޅާ ފެސިލިޓީއަށް ބުޅާ ގެންދިޔުމުގެ މަސަތްކަތް ކުރަނީ

ހުޅުމާލޭ ފޭސް ދޭއްގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީ (އޮޅު ހިޔާ)ގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށް، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

އޮޅުހިޔާ ފެސިލިޓީގެ މަސައްކަތް ފުރަތަމަ ފެށިއިރު، އެތަނުގެ ކަރަންޓީން ޖާގައިގައި، ކަރަންޓީން ކުރެވޭނެ ވަސީލަތްތައް ނެތްނަމަވެސް، ކޭޖްތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވެއްދިއެވެ. މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ ވަނީ އިތުރުކޮށްފައެވެ.

ޖުލައި މަހު މާލޭގެ އެކި ސަރަހައްދުތަކުން 28 ބުޅާ އޮޅުހިޔާގެ ކަރަންޓީނަށް ލުމަށްފަހު، މޫސުން ގޯސްވުމާއި އެކު މަސައްކަތް މެދުކެނޑުނެވެ. އަލުން މަސައްކަތް ފެށިއިރު ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ ވަނީ ކޮށިތަކަށް ބަދަލުކޮށްފައެވެ. އަދި ފެސިލިޓީއަށް ޖުމްލަ 75 ބުޅާ އަލަށް ވަނީ ނަގާފައެވެ.

އިއްޔެ ހަވީރު މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި، ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ފެސިލިޓީއަށް އިތުރު ބުޅާތައް ވަނީ ގެންގޮސްފައެވެ. މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދު ވަނީ 112 އަށް އަރާފައެވެ.

މިނިސްޓްރީން މައުލޫމާތު ދެއްވިގޮތުގައި، މާލޭގެ އެކި ސަރަހައްދުތަކުން ވީއްލިގެން އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިއަދުވެސް ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އަދި ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާންޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *