ފުވައްމުލަކު ހޮސްޕިޓަލުން މި މަހު ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ. މި ވަގުތު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ޤާއިމްކުރުމުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގައެވެ. މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގެ އިމާރާތަށް ބައެއް ބަދަލުތައް ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް ވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫޢަކީ 2.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ފުވައްމުލަކުގެ ރައްޔިތުންނަށް ސީޓީ ސްކޭންގެ ޚިދުމަތް ލިބުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.
ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މިގޮތުން ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ޤާއިމްކުރުމަކީ އެ މަސައްކަތުގެ ތެރެއިން ކުރެވޭ އެއް މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.