ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އައްޔަންކުރުމަށް ނިންމާފައިވާ މުހައްމަދު ޝަހީދު އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމަށް އެދި މިއަދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދުއާ އެކު ކުރިމަތިލެއްވި ވަކީލު އަހުމަދު ނައުޝާދެވެ. ނައުޝާދު ވަނީ އޭނާ ހުށަހެޅި މައްސަލަ ނިމެންދެން ޝަހީދު މަގާމަށް އައްޔަންކުރުން ވަގުތީގޮތުން ހުއްޓުވުމަށް އެދި ވަގުތީ އަމުރަކަށްވެސް އެދިފައެވެ.
ނައުޝާދު ކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ދެ ކަންބޮޑުވުމެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން، ޝަހީދުގެ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން އޭނާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭކަމަށާއި، ޝަހީދުއަށްވުރެ ގާބިލު ފަރާތްތަކެއް ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައި ވަނިކޮށް، އަމިއްލަ ކުންފުންޏެއްގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ޝަހީދު އެ މަގާމަށް އައްޔަންކުރުމަކީ ސުވާލު އުފެދޭ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.
ޝަހީދުގެ ކުރީގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައެވެ. މީގެއިތުރުން، ޕީޕީއެމް-ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާކަންވެސް ފާހަގަކުރެވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ޖޭއެސްސީން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި މައްސަލަ ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން ސިވިލް ކޯޓުން ވެސް މިވަގުތު އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.