ކުޅިވަރާ ބެހޭ ވުޒާރާއިން 5 ރަށެއްގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ވަނީ ހަވާލުކޮށްފައެވެ.
މިގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ރ.މާކުރަތް، ކ.މާފުށި، ރ.ގާފަރު އަދި ލ.ކަލައިދޫގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތާއި، ތ.ތިމަރަފުށީގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެއްބަސްވުމުގެ ތަފްސީލުތަކަށް ބަލާއިރު، މާކުރަތާއި ގާފަރުގައި ޖިމް ތަރައްޤީކުރުމަށް 453،000 ރުފިޔާ ޚަރަދުކުރާއިރު، މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާފުށީގައި ޖިމްގެ އިކުއިޕްމަންޓްތައް ބަދަލުކުރުމުގެ މަސައްކަތަށް 291،600 ރުފިޔާ ޚަރަދުކުރާއިރު، މި މަސައްކަތްވެސް 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ތިމަރަފުށީގައި ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތަށް 1.7 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަލައިދޫގައި އައުޓްޑޯ ޖިމްގެ އިކުއިޕްމަންޓްތައް ބަދަލުކުރުމުގެ މަސައްކަތަށް 291،600 ރުފިޔާ ޚަރަދުކުރާއިރު، މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް ކުޅިވަރުކުޅުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.