އދ ގެ މައި މަރުކަޒުގައި ބޭއްވުނު މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ބައްދަލުވުމުގައި، ފަލަސްތީނުގެ ޣައްޒާގެ ނިކަމެތި ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ދެއްކެވި ވާހަކަފުޅުގައި، “އިސްރާއީލުން ގަސްދުގައި ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމު ނިމުމަކަށް ގެނައުމަށް ޑިޕްލޮމެސީ އާއި މަލްޓިލޭޓަރަލިޒަމްގެ އުސޫލުތައް އިސްކުރަންޖެހޭ” ކަމަށް ވިދާޅުވިއެވެ.
އަލީ ނަސީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އޮތުމުގެ ހައްގު ބަލައިގަންނަންޖެހެއެވެ. އަދި އަންރުވާއިން ފޯރުކޮށްދޭ އެހީތެރިކަން ދެމެހެއްޓުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން ބޭއްވުނު ބައްދަލުވުމެކެވެ. ފްރާންސް އަދި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރުން ޗެއަރކުރެއްވި މި ބައްދަލުވުން، މެދު އިރުމަތީގެ ހާލަތު ގޯސްވުމާ ގުޅިގެން ޖޫން މަހު މެދުކަނޑާލުމަށްފަހު، ޖުލައި 28 ވަނަ ދުވަހު އަލުން ފެށިފައިވެއެވެ.
ދިވެހިރާއްޖެއިން މި ބައްދަލުވުމުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އަރަބް ރީކޮންސްޓްރަކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން، ވީ މިންވަރަކުން ރާއްޖެއިން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަމެވެ.