ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލުން މިހާތަނަށް 2،410 ދަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދީފިއެވެ. މި ޓާމިނަލުން މިހާތަނަށް މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ޚިދުމަތް ދީފައިވާކަމަށް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޢުލޫމާތު ދީފައިވެއެވެ.
އައު ޓާމިނަލުން ޚިދުމަތް ދެވުނު ދަތުރުވެރިންގެ ތެރޭގައި ރާއްޖެއިން ފުރި 956 ފަސިންޖަރުންނާއި ރާއްޖެ އައި 1،454 ފަސިންޖަރުން ހިމެނެއެވެ. މިނިވަން ދުވަހާ ދިމާކޮށް ޖުލައި 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި އައު ޓާމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ ޖުލައި 27 ގައި އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއަރޕޯޓުން އައި މޯލްޑިވިއަންގެ ބޯޓަކަށެވެ.
އެމްއޭސީއެލުން ހާމަކުރި ގޮތުގައި ވީއައިއޭގެ ޓާމިނަލް 1 އަށް ބައިނަލްއަޤްވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިންނެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ބައިނަލްއަޤްވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެންނެވެ.
އެމްއޭސީއެލުން އިތުރަށް ފާހަގަކުރި ގޮތުގައި، މި ޕްރޮސެސްގެ ދަށުން ފަހަރަކު އެއަރލައިނަކަށްފަހު އެއަރލައިނެއް ބަދަލުކުރަމުން ގެންދާނެއެވެ. އަދި މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއަރލައިނެއްގެ ޚިދުމަތް އައު ފަސިންޖަރު ޓާމިނަލަށް ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.