އަވައްޓެރި ސްރީލަންކާގެ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮންއެރައިވަލް ވިސާ ދޭން ފަށައިފިއެވެ. މި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.
މި ނިންމުމަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނައިކަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ބޭއްވި މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަމުގެ ތެރެއިން ކަމެކެވެ. މިކަން ކަށަވަރުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ރަސްމީ އިއުލާނެއް ކޮށްފައެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ޚާއްސަ ގުޅުމެކެވެ. ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި ޤައުމަކީވެސް ސްރީލަންކާއެވެ. އަދި ޒަމާނުއްސުރެ ދިވެހިން އެކި ބޭނުންތަކުގައި އެންމެ ގިނައިން ދަތުރުކުރާ ޤައުމުތަކުގެ ތެރޭގައި ސްރީލަންކާ ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސްރީލަންކާއިން 5,174 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި އައު ވިސާ އުސޫލުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރު އިތުރުވެ، އިޤްތިޞާދީ އަދި އިޖްތިމާއީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.