އުމްރާއަށް ގެންދާނެ ކަމަށް ބުނެ 28 މީހެއްގެ އަތުން ފައިސާ ނަގައި، އަޅުކަމަށް ނުގެންދިޔުމުގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން އަސްކޮއި ގްރޫޕްގެ ހުއްދަ ބާތިލްކުރުމާއެކު އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސްއިން އުމްރާއަށް ގެންދިއުމަށް ކޮންމެ މީހެއްގެ އަތުން 25,500 ރުފިޔާގެ މަގުން ޖުމްލަ 714,000 ރުފިޔާ ނަގާފައިވެއެވެ. ނަމަވެސް މި ފައިސާ ދެއްކި ފަރާތްތަކުގެ ޕާސްޕޯޓާއި މުހިންމު ލިޔެކިޔުންތައް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމަށް ޝަކުވާ ހުށަހެޅިފައިވެއެވެ.
މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަސްކޮއި ގްރޫޕްގެ އުމްރާ ހުއްދަ ބާތިލްކުރުމާއި، ޖޫރިމަނާކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށްވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ނިންމައި، އުމްރާ ދަތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ދިނުމަށް އަންގައި، މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
މިއީ މި އަހަރު އަސްކޮއި ގްރޫޕާ ގުޅޭގޮތުން ހުށަހެޅުނު ދެވަނަ މައްސަލައެވެ. ކުރިން ހުށަހެޅުނު މައްސަލައަކީ މިދިޔަ ރޯދަމަހު އެއް އާއިލާއެއްގެ ހަ މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިއުމުގެ މައްސަލައެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އުމްރާއަށް ގެންދިއުމަށް ފައިސާ ނަގައި، ޚިދުމަތް ނުދޭ ކުންފުނިތަކާ ދެކޮޅަށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުން ގެންދާނެ ކަމަށެވެ.