ލ. މާވަށުގައި އިއްޔެ ހިނގި އަނިޔާވެރި މާރާމާރީއެއްގައި މަރުވި 29 އަހަރުގެ މޫސާ އިބްރާހިމްގެ ހަށިގަނޑު އިތުރު ތަހުލީލުތައް ހެދުމަށްޓަކައި ރޭ ވަނީ މާލެ ގެނެސްފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި މޫސާގެ ކަރަށް ހަމަލާދީފައިވަނީ އިއްޔެ ހެނދުނު 10:10 ހާއިރުއެވެ. އަނިޔާގެ ސަބަބުން ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އަދި މި މައްސަލައިގައި މޫސާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ ހޯދާފައެވެ.
މޫސާގެ ހަށިގަނޑު މާލެ ގެނެސްފައިވީ ނަމަވެސް، ޕޯސްޓްމޯޓަމް ހަދާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ފުލުހުން ވަނީ ހާމަކޮށްފައި ނުވެއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.