އަވައްޓެރި ސްރީލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ސްރީލަންކާ ސަރުކާރުން ހަމަޖައްސައިފިއެވެ. މިއީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއުލާނު ކުރެއްވި ނިންމުމެކެވެ.
ދެ ގައުމުގެ ވެރިން ނެރުއްވި ޖޮއިންޓު ސްޓޭޓްމަންޓުގައި، “ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ ދިނުމަށް ލަންކާ ސަރުކާރުން ނިންމި ނިންމުމަށް” ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ލަންކާއާއެކު އޮތް ގުޅުމުގެ މައިގަނޑު އަސާސަކީ ދެ ގައުމު މެދުގައި އޮތް ހަރުދަނާ ގުޅުމެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން އެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
ދެ ގައުމަކީވެސް މަސްވެރިކަމަށް ބަރޯސާވެފައިވާ ގައުމުތަކަކަށް ވުމާއެކު، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ދެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ވަގުތުން ފިޔަވަޅު އަޅަންޖެހޭކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ލަންކާ ވެއްޓިފައި އޮތް އިގުތިސާދީ ކާރިސާއިން އަރައިގަނެ، ހޯދަމުންދާ ކާމިޔާބީތަކަށް ރައީސް އަނޫރާއަށް މަރުހަބާ ދަންނަވާފައެވެ.