އިންޑިއާގެ ނިކޮބާ އައިލެންޑްސްއަށް ރޭ އައި ވަރުގަދަ ބިންހެލުމުގެ އަސަރު ދިވެހިރާއްޖެއަށް ކުރި ކަމަށް މޫސުމާބެހޭ ޤައުމީ މަރުކަޒު (މެޓް)އިން މިއަދު ހާމަކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރިކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި މި ބިންހެލުން އައީ ރޭ 23:41 ގައެވެ. އަދި މި ބިންހެލުމުގެ ސަބަބުން އުފެދުނު ލޮޅުމުގެ އަސަރު މާލެ އާއި ހުޅުމާލެއަށް ކުރި ކަމަށް ރިޕޯޓުތައް ލިބިފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި ގދ. ކާޑެއްދޫގައި ޤާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރުން ރޭ 23:48 ގައި ލޮޅުމުގެ އަސަރު ރިކޯޑުކުރެވިފައިވެއެވެ. ނަމަވެސް މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ބިންހެލުން އައި ސަރަހައްދަކީ މާލެއާ 2،215 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދަކީ ކުރިން ވެސް ބިންހެލުންތައް އަންނަ ސަރަހައްދެއް ކަމަށްވާއިރު، މީގެ ކުރިން ވެސް މި ސަރަހައްދުތަކަށް އައި ބިންހެލުންތަކުގެ އަސަރު ރާއްޖެއަށް ކޮށްފައިވެއެވެ.
އިބްތިދާއީ މަރުހަލާގައި މެޓް އޮފީހުން ބުނެފައިވަނީ މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް ފަހުން ލިބުނު މައުލޫމާތުތަކާއެކު ލޮޅުމުގެ އަސަރު ރާއްޖެއަށް ކުރި ކަން ވަނީ ކަށަވަރުވެފައެވެ.