މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ހާމަކުރި ގޮތުގައި އަންނަ މަހު ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރައެއް ހުޅުވައި، އެ ހިދުމަތް ފޯރުކޮށްދޭން ފަށާނެ އެވެ.
އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގް ހަލީމް ވިދާޅުވި ގޮތުގައި މިހާރު އާސަންދައިން ކަވަރުކުރާ 2،000 ރުފިޔާގެ ތެރެއިން ކޮންމެ ރައްޔިތަކަށް ވެސް ހިލޭ އައިނު ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކެއްގައި ވެސް މި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުން ބޮޑު އަގުގައި ނަމްބަރު އައިނު ހައްދަމުންދާ މައްސަލަ ހައްލުކުރުމަށް، އާސަންދައިން ކަވަރުކޮށްދެމުން އައި 1،000 ރުފިޔާގެ އަދަދު 2،000 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އައިނު ހެއްދުމަށް 36،000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. މި އައު އިންތިޒާމާ އެކު، ރައްޔިތުންނަށް ލުއިފަސޭހަ އަގެއްގައި އައިނުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.