ޚަބަރު
ލަންކާ ރައީސްގެ ދަތުރާ ގުޅިގެން މިއަދު 6 ގަޑިއިރަށް ގްރީން ޒޯން ބަންދު

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މިއަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މާލޭގެ ގްރީން ޒޯން ސަރަހައްދު ވެހިކަލްތަކަށާއި އާންމުންނަށް 6 ގަޑިއިރަށް ބަންދުކުރާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އިއުލާންކޮށްފައެވެ.

ފުލުހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ގްރީން ޒޯން ބަންދުކުރާނީ މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 18:00 އަށެވެ. މިގޮތުން ބަންދުކުރެވޭ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގެ ލޮޓަސް ގޯޅިން ފެށިގެން މުހައްމަދު އިސްމާއިލް ދީދީ ގޯޅިއާ ހަމައަށް ހިމެނެއެވެ. މީގެއިތުރުން އަމީރު އަހުމަދު މަގުގެ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން ފެށިގެން ކޮލިގޭ އުމަރުމަނިކު ގޯޅިއާ ހަމައަށާއި، މެދުޒިޔާރަތް މަގުގެ ވަކި ސަރަހައްދުތަކެއް ވެސް ބަންދުކުރެވޭނެއެވެ.

ސަލްޓަން ޕާކް ވަށައިގެންވާ ސަރަހައްދުތަކާއި، ޗާންދަނީމަގު، ލިލީމަގު އަދި ޝަހީދު ކުޑައާދަމް ކުޑަތުއްތު ހިނގުމުގެ އިތުރުން މުލިއާގެ ކައިރިން ހިތައް ފިނިވާމަގުގެ ބައެއް ސަރަހައްދުތައް ވެސް ބަންދުކުރެވޭނެއެވެ. އަދި އެއްނަންބަރު ފާލަމާ ދިމާލުން ފަޅުތެރެ ވެސް މި ވަގުތުތަކުގައި ބަންދުވާނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.

ލަންކާ ރައީސްގެ މި ދަތުރުފުޅުގައި ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާއެއް ތައާރަފްކުރުމަށް އިއުލާންކުރައްވާނެ ކަމަށް ބެލެވެއެވެ. މިއީ މިހާރު ލަންކާގައި ދިވެހިންނަށް ލިބޭ ހަ މަސް ދުވަހުގެ ވިސާގެ މުއްދަތަށް ގެންނަ ބޮޑު ބަދަލެކެވެ. މިހާތަނަށް ހަ މަސް ދުވަހަށްވުރެ އިތުރަށް ލަންކާގައި ތިބެވެނީ ސްޓޫޑެންޓް ވިސާ ނުވަތަ ޑިޕެންޑެންޓް ވިސާ ނަގައިގެންނެވެ.

ޑިސަނަޔަކެގެ މި ދަތުރުފުޅަކީ ރާއްޖެއާއި ލަންކާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ. ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *