މިއަދު ހެނދުނު ބޭއްވުނު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް، މ. މާހުރާ، އަހުމަދު ސަލީމް (ނަންރީތި ސަލީމް) އަށް އަރުވާފައެވެ.
ބައި ގަރުނަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ސަލީމް، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ޚާރިޖީ ދާއިރާގައެވެ. އެގޮތުން 1968 ވަނަ އަހަރުގެ ޖުލައި 7 ވަނަ ދުވަހު ޚާރިޖީ ދާއިރާއާ ގުޅިވަޑައިގެން، އެކި ފަހަރު މަތިން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވެއެވެ.
ސަލީމްގެ ފާހަގަކޮށްލެވޭ މަގާމުތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައެޅި ސަފީރުކަމާއި، ނޭޕާލަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރުކަން ހިމެނެއެވެ. މީގެއިތުރުން، ސާކަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިރެކްޓަރުކަމާއި، ސާކް ސެކްރެޓަރީ ޖެނެރަލްކަންވެސް އަދާކުރައްވާފައިވެއެވެ. ޖުމްލަ 5 އަހަރާއި 6 މަސް ދުވަހު ސާކުގައި ޚިދުމަތް ކުރައްވާފައިވެއެވެ.
ފޮރިން މިނިސްޓްރީގައި އެކި މަގާމުތައް ފުރުއްވާފައިވާ ސަލީމް، ބައިނަލްއަގްވާމީ އެތައް ބައްދަލުވުމެއްގައި ރާއްޖެ ތަމްސީލުކުރައްވައި، ރާއްޖޭގެ ތަރައްގީއަށް ބޭރު ގައުމުތަކުން އެހީ ހޯއްދެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓްވެސް ހިންގަވާފައިވެއެވެ.
2003 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދެވި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަތް ސަލީމަކީ، 2008 ވަނަ އަހަރުގެ ގާނޫނުއަސާސީގެ ދަށުން އުފެއްދެވި ހިއުމަން ރައިޓްސް ކޮމިޝަނުގެ ފުރަތަމަ ރައީސްވެސް މެއެވެ. ސަލީމް ވަނީ މިހާތަނަށް 54 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރައްވާފައެވެ.