ހައި ކޯޓުގެ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔާވެވަޑައިގެންނެވި، މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަގުވަޒަންކޮށް، ޝަރަފުގެ ލަގަބެއް އަރުވައިފިއެވެ. އުއްތަމަ ފަނޑިޔާރު މުއްތަސިމު އަދުނާން ވަނީ އައްބާސް ޝަރީފަށް ތަކްރީމް ކުރެއްވި ފަތްކޮޅާއި ޝަރަފުގެ މެޑަލް ހަވާލުކޮށްދެއްވާފައެވެ.
ފަނޑިޔާރުން ތަކްރީމް ކުރުމަކީ ޝަރަފުވެރިކަމާއެކު ރިޓަޔާވެވަޑައިގެންފައިވާ ފަނޑިޔާރުން ޝަރުއީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ޝަރަފު އެރުވުމެކެވެ. އައްބާސް ޝަރީފް ވަނީ ފަނޑިޔާރުކަން ކުރެއްވުމާ ހަވާލުވެވަޑައިގެން ހަތަރު އަހަރާއި ހަ މަހަށްވުރެ ގިނަ ދުވަހު ނިޔާ ކަނޑައެޅުމުގައި ޚިދުމަތް ކުރައްވާފައެވެ.
އޮކްޓޯބަރު 1، 2015 ގައި އައްބާސް ޝަރީފް ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވިއިރު ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައެވެ. އޭގެ ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމާއެކު، އައްބާސް ޝަރީފް ވަނީ ރައީސް އޮފީހުގެް އޮފީހުގެ ސެކްރެޓަރީ އޮން ލީގަލް އެފެއާޒްގެ މަޤާމަށް އައްޔަން ކުރައްވާފައެވެ.
އެހެންނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމު ހުސްވުމާ ގުޅިގެން, އައްބާސް ޝަރީފް ވަނީ އެ މަޤާމަށް ކުރިމަތިލައްވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު މިދިޔަ ސެޕްޓެމްބަރު 18 ގައި އެ މަޤާމާ ހަވާލުވެވަޑައިގެންފައެވެ.