ރާއްޖެއަށް އެތެރެކޮށް ބޮންޑެޑް ވެއާހައުސްތަކެއްގައި ބަހައްޓާފައި ހުއްޓައި ވަގަށް ސިނގިރޭޓުތަކެއް ބޭރުކުރި މައްސަލައިގައި 67.9 މިލިއަން ރުފިޔާ ކޯޓު މެދުވެރިކޮށް ނަގައިދިނުމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބަންޑާރަ ނައިބުގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވަގަށް ސިނގިރޭޓު ބޭރުކޮށްފައިވަނީ އެގްޒޯޓިކް އެންޓަޕްރައިޒެސް ބޮންޑެޑް ވެއާހައުސްއިންނާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިންނެވެ.
އެގްޒޯޓިކް އެންޓަޕްރައިޒެސް ބޮންޑެޑް ވެއާހައުސްއިން ކެލަމް ޔެލޯ މަރުކާގެ 165 ސިނގިރޭޓާއި އެމެރިކަން ލެޖެންޑް މަރުކާގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓާ ރޯޔަލް ރެޑް މަރުކާގެ 300 ކޭސް ސިނގިރޭޓު ވަގަށް ނެރެފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ. އަދި އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން އެމެރިކަން ލެޖެންޑް މަރުކާގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލާސެސް މަރުކާގެ 130 ކޭސް ޕައިޕް ޓޮބޭކޯ ވަގަށް ނެރެފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފައިވަނީ އެގްޒޯޓިކް އެންޓަޕްރައިޒެސް ބޮންޑެޑް ވެއާހައުސްއިން 47.1 މިލިއަން ރުފިޔާ އަދި އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން 20.7 މިލިއަން ރުފިޔާ ކޯޓު މެދުވެރިކޮށް ހޯދައިދިނުމަށެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ވެސް ތަޙްޤީޤު ކުރަމުންދާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.