މިއަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ދާ ފަރާތްތަކުގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދަންނަވާފައިވާ ކަމަށެވެ.
މިހާރު ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް އޮންނަ ޑޮލަރު ލިމިޓަކީ 250 ޑޮލަރެވެ. އެހެންކަމުން މި ބަދަލާއެކު 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ބީއެމްއެލް ޑެބިޓް ކާޑަށް، 1500 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ. ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ ޑޮލަރަކަށް 15.42 ރުފިޔާއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް އެކި އިނާޔަތްތައް ދަނީ ދެމުންނެވެ. އޭގެ ތެރޭގައި ރަމަޟާންމަހުގެ ފަހު 10 ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޯދަ ހަދިޔާ ހިމެނެއެވެ.