ސިފައިންނާއި ފުލުހުންގެ ލަޝްކަރު ބޮޑުކުރުމަށާއި، ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފެށުމަށްޓަކައި ރައީސް އޮފީހުގައި ޚާއްސަ ސެކްޝަނެއް އުފައްދައިފިއެވެ.
މި ޕްރޮގްރާމް ފެށުމަށްޓަކައި ރައީސް އޮފީހުގައި އަލަށް އުފެއްދި ސެކްޝަނަށް ކިޔަނީ “ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓް” އެވެ. މި ސެކްޝަނަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދުމަށް ރައީސް އޮފީހުން ވަނީ މިއަދު އިޢުލާނުކޮށްފައެވެ.
މި ދެ މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ނޭޝަނަލް ސާވިސް ޕްރޮގްރާމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުމާއި، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތައް ވިލަރެސްކުރުމާއި، ޕްރޮގްރާމުގެ ޓައިމްލައިން ތައްޔާރުކޮށް މޮނިޓަރކުރުމާއި، އަދި ޕްރޮގްރާމުގެ މަޤްޞަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމަންޓް ހެދުމެވެ.
ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމަށް 15,918 ރުފިޔާގެ މުސާރައެއް ހުށަހަޅާފައިވާއިރު، އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމަށް 14,700 ރުފިޔާގެ މުސާރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ އުމުރުން 16 އަހަރުވުމަށްފަހު އިތުރަށް ނުކިޔަވާ ދަރިވަރުންނަށެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އަހަރަކު އޯލެވެލްއިން ފާސްނުވާ 2000 އާއި 3000 އާ ދެމެދުގެ އަދަދެއްގެ ދަރިވަރުންނާއި، އޭލެވެލް ނިންމާފައި ޑިގްރީ ނުފެށޭ 500-1000 ދަރިވަރުން ތިބެއެވެ. މި ޕްރޮގްރާމުގެ ސަބަބުން ސިފައިންގެއަށް 4,000 މީހުންނާއި ފުލުހުންގެ ޚިދުމަތަށް 1,000 މީހުން އަލަށް ގުޅޭނެކަމަށް ބެލެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންނަށް ރަނގަޅު ތަރުބިއްޔަތަކާއެކު މިލިޓަރީ ތަމްރީނު ދެވި، ވަޒީފާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.