މިފްކޯގެ 28 އަހަރުގެ ތާރީޚުގައި ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސް ކިރުވާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ޖަނަވަރީ މަހު މިފްކޯއަށް ޖުމްލަ 8،324 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ.
މިފްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިއީ 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފްކޯގެ ތާރީޚުގައި ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސް ކިރުވި ފަހަރެވެ. މީގެ އިތުރުން، މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެންބަރ މަހާ އަޅާބަލާއިރު 122 އިންސައްތައިގެ އިތުރުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުމާއެކު، މަހަށް ނިކުންނަ ދޯނިތައް އިތުރުވެފައިވާކަން ފާހަގަކުރެވޭ.”
ސަރުކާރުން ގެންދަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި މިފްކޯ ރިފޯމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން، މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް، ކުންފުނީގެ ސީއީއޯގެ މަޤާމަށް ބޭރުގެ ފަރާތެއް ގެނެސް މަސައްކަތް ފަށާފައިވެއެވެ. އަދި މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެކަމަށް ސަރުކާރުން ބުނެއެވެ.
މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް، ކޯލްޑް ސްޓޯރޭޖްތަކާއި ޕްރޮސެސިންގ ޕްލާންޓުތަކުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަސައްކަތްތަކާއެކު މަސްވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާ އިތުރުވެ، ޤައުމުގެ އިޤްތިސާދަށް ހެޔޮ އަސަރުކުރާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.