ރާއްޖޭގައި ބާއްވަން ރާވަމުން ދިޔަ ހިންދޫ ދީނުގެ ފެސްޓިވަލެއް ކަމަށްވާ ޕޮންގަލް ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެންގުމުން، އެ ފެސްޓިވަލް ކެންސަލްކޮށްފި އެވެ. މި ފެސްޓިވަލް ބޭއްވުމަށް ރޭވިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި “ތަމިލް ޕޮންގަލް 2025” ގެ ނަމުގައެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ފެސްޓިވަލް އިންތިޒާމުކުރި ފަރާތްތަކަށް އެ ހަރަކާތް ނުބާއްވަން އަންގާފައިވާ ކަމަށާއި، އެފަދަ ހަރަކާތްތައް ހިންގާނަމަ އެ އިދާރާއިން ހުއްޓުވާނެ ކަމަށް ބުނެފައިވެއެވެ.
މި ފެސްޓިވަލް ބާއްވަން ރާވައި އިސްތިހާރުކުރަމުން ދިޔުމާ ގުޅިގެން ސޯޝަލް މީޑިއާގައި ސަރުކާރަށް އަމާޒުކޮށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މި ފެސްޓިވަލް ހުއްޓުވާލާފައިވާކަން ފާހަގަކުރެވެއެވެ.
ޕޮންގަލް ފެސްޓިވަލަކީ މީގެ ކުރިންވެސް ރާއްޖޭގައި ބާއްވާފައިވާ ފެސްޓިވަލެކެވެ. ނަމަވެސް އޭރުވެސް ގިނަ ދީނީ އިލްމުވެރިންތަކެއް އެކަމާ މެދު ހިތްހަމަނުޖެހި، ސަރުކާރަށް ސިޓީއެއް ފޮނުވައި، އެ މައްސަލަ ތަޙްޤީޤުކުރުމަށް ގޮވާލާފައިވެއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވެފައި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރުތައް ފާޅުގައި ދެއްކުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.