ޚަބަރު
ބޮލީވުޑުގެ 100 އަށް ވުރެ ގިނަ ތަރިންނާއެކު ރާއްޖެ އިސްތިހާރުކުރުމުގެ ހަރަކާތެއް ބާއްވައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބޮލީވުޑުގެ ގިނަ އަދަދެއްގެ ތަރިންނާއެކު ރާއްޖެ އިސްތިހާރުކުރުމުގެ ހަރަކާތެއް މުމްބާއީގައި ބާއްވައިފިއެވެ.

މުމްބާއީގެ ފޯ ސީޒަންސް ހޮޓެލްގައި “މޯލްޑިވިއަން ނައިޓް” ގެ ނަމުގައި ބޭއްވުނު މި ހަރަކާތުގައި އިންޑިއާގެ ފިލްމީ ދާއިރާގެ 100 އަށް ވުރެ ގިނަ މަޝްހޫރު ފަންނާނުންނާއި އިންފްލުއެންސަރުން ބައިވެރިވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށްވާއިރު، އެ ޤައުމުގެ މަޝްހޫރު ފަރާތްތަކާއެކު ގުޅުން ބަދަހިކުރުން މުހިންމު ކަމަށެވެ. އަދި މިއީ އެ ޤައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ޝިއުރީ ދެކެވަޑައިގަންނަވައެވެ.

“މުންބާއީގައި ބޭއްވި ‘މޯލްޑިވިއަން ނައިޓް’ އަކީ އިންޑިއާގެ މާކެޓަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް. އަދި 2025 ވަނަ އަހަރުގެ އަޅުގަނޑުމެންގެ ކެމްޕޭންތަކުން ވަރަށް ފާހަގަކޮށްލެވޭ ނަތީޖާތަކެއް ލިބޭނެކަމާމެދު އަޅުގަނޑުމެނަށް ޔަޤީންކަން އެބަ އޮތް” ވިސިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

މި ހަރަކާތުގައި ބައިވެރިވި ފަންނާނުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތު ދެއްވިއެވެ. އަދި އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި އަހަރުތެރޭގައި އެ ޤައުމުގެ މަޝްހޫރު އެތައް ފަންނާނުންނެއް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ހާމަކުރެއްވިއެވެ.

އެމްއެމްޕީއާރުސީން ވަނީ މިއަހަރުތެރޭ އިންޑިއާއިން ރާއްޖެއަށް 3 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އަދި މި އަމާޒު ހާސިލްކުރުމަށް މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *