ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް ޚަރަދުވެފައިވަނީ 1.3 މިލިއަން ރުފިޔާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު މީޑިޔާތަކާ ހިއްސާކުރެއްވި މަޢުލޫމާތުތަކުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުން ހާސިލުކުރެއްވުނު މުހިއްމު ކަންކަން ހިމެނެއެވެ. ޑިޖިޓަލް އިނޮވޭޝަން، ސައިބާ ސެކިއުރިޓީގެ އިތުރުން އީ-ގަވަނެންސް އަދި މޫސުމީ ބަދަލުތަކާއި ޞިއްޙަތާއި ތަޢުލީމު ފަދަ ދާއިރާތަކުން ރާއްޖެ އާއި އެސްޓޯނިއާގެ މެދުގައި ގުޅުން ބަދަހިކުރުމާއެކު ޢިލްމު ހިއްސާކުރުމުގެ މަޤުޞަދުގައި ކުރެއްވި މި ދަތުުރުފުޅުގެ ތެރެއިން ވަރަށް ގިނަ ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާތައް ޤާއިމުކުރެވިގެންދިޔައެވެ.
އެގޮތުން، އެސްޓޯނިއާގެ ޔުނިވަރސިޓީތަކުން ދިވެހިންނަށް މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް ފަހިކުރުމާމެދު ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވުނުއިރު، އެ ޤައުމުގެ ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމާއި، އުނގެނުމާއި، އުނގަންނައިދިނުމުގައި އެ ޤައުމުން ގެންގުޅޭ އީޖާދީ އުކުޅުތަކުގެ އެހީގައި ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރެވޭނެ ގޮތްތަކާމެދު ވެސް ދެ ޤައުުމުގެ މެދުގައި ޚިޔާލު ބަދަލުކުރެވުނެވެ.
އަދި ރާއްޖޭގެ އިޤުތިޞާދުގައި ޑިޖިޓަލް އިކޮނޮމީގެ ދައުރު ފުޅާކޮށް، ސަރުކާރުގެ ހިންގުން ޑިޖިޓައިޒްކުރުން ފަދަ ކަންކަން ކުރުމަށްޓަކައި ޚަރަދުކުޑަކޮށް އެކަންކަން ކުރެވޭނެ މަގުތަކާމެދު އެސްޓޯނިއާގެ ސަރުކާރާއި ދިވެހި ސަރުކާރުގެ މެދުގައި މަޝްވަރާކުރެވި، އެ ޤައުމުގެ ރައީސަަށް ޑިޖިޓަލް ދާއިރާއިން ލަފާ އަރުވާ ކައުންސިލުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. މީގެއިތުރުން، ޑިޖިޓައިޒޭޝަން މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި އެ ޤައުމާއެކު ސޮއިކުރެވިފައިވެއެވެ.
ޑިޖިޓަލް ދާއިރާގެ އިތުރަށް މޫސުމީ ބަދަލުތަކާ ބެހޭ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވާއިރު، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ބޭރުކުރާ މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި އެސްޓޯނިއާގެ އެހީތެރިކަން ލިބޭނެކަން އެ ޤައުމުގެ ސަރުކާރުން ކަށަވަރުކޮށްދެއްވާފައިވެއެވެ.
އަދި އެސްޓޯނިއާގެ ސިޓީއެއްކަމަށްވާ، ޓާރްޓޫ ސިޓީން ތިމާވެއްޓާ ރައްޓެހި ސްމާޓް ސިޓީ ހައްލުތައް އީޖާދުކުރުމުގައި އެ ސިޓީން ހޯދި ކާމިޔާބުތަކުގެ މައުލޫމާތު އޮޅުންފިލުއްވުމާއެކު، ޑިޖިޓަލް ދާއިރާ އާއި މެޑިސިންގ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ސައިންސްގެ ދާއިރާއިން ދިވެހިން ތަމްރީނުކުރުމާ ގުޅޭ ގޮތުން ވެސް ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވުނެވެ.
ރައީސް ޑރ. މުޢިއްޒުގެ މި ޒިޔާރަތުގައި އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާ ބައްދަލުކުރެއްވިއެވެ. އަދި އެ ޤައުމުގެ އެކި ވަޒީރުންނާއި މުހިއްމު ބައެއް އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ރާއްޖެ އާއި އެސްޓޯނިއާގެ މެދުގައި ގުޅުން ބަދަހިކުރުމާމެދު ވެސް މަޝްވަރާކުރައްވާފައިވެއެވެ.