ޚަބަރު
ތުޅާދޫ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފި

ބ. ތުޅާދޫގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދިންގޮތުގައި، މިވަގުތު ކުރަމުންދަނީ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ޝީޓް އެޅުމުގެ މަސައްކަތްތަކެވެ. މުޅި ހޮސްޕިޓަލުގެ ފައުންޑޭޝަނާއި ފުރަތަމަ ފަންގިފިލާގެ ތަނބުތަކާއި ޝީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި ހޮސްޕިޓަލުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މި ހޮސްޕިޓަލު ތަރައްޤީކުރަނީ ދެ ފަންގިފިލާގެ އިމާރާތެއްގައެވެ. މި ޕްރޮޖެކްޓަކީ ބ. އަތޮޅުގެ އިތުރުވަމުން އަންނަ އާބާދީއާއެކު، މިހާރު އޭދަފުށީގައި ހިންގާ އަތޮޅު ހޮސްޕިޓަލުގެ ބާރު ކުޑަކުރުމަށް ތަރައްޤީކުރަން ފެށި ތަނެކެވެ.

އައު ހޮސްޕިޓަލް އިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ، ހޮސްޕިޓަލުގައި ސްޕެޝަލިޓީ ފަރުވާގެ އިތުރު ޚިދުމަތްތައް ޤާއިމުކުރުމެވެ. އަދި ރަށުގައި ތިބެގެން އެކިއެކި ބަލިތަކަށް ތަހުލީލުކުރާ އިތުރު ޓެސްޓްތައް ހެދޭނެ އިންތިޒާމުވެސް އެރަށުގައި ޤާއިމުކުރާނެއެވެ.

ބ. އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ތުޅާދޫގައި 3000 އަށްވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ މީހުން ތުޅާދޫ ސިއްޙީ މަރުކަޒުގެ އޯޕީޑީއަށް ދައްކާކަމަށް އެމަރުކަޒު ހިންގާ ބަލަހައްޓަމުން އަންނަ އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

މި ހޮސްޕިޓަލާއެކު ތުޅާދޫ ކައިރީގައި ދެން އޮންނަ، ހިތާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ރައްޔިތުންނަށްވެސް ސިއްޙީ ޚިދުމަތް ހޯދުމުގައި ބޮޑު ލުއިފަސޭހައެއް ލިބޭނެއެވެ.

ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ 114.50 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *