ޚަބަރު
ސިއްޙީ ވަޒީރު ޑަބްލިޔުއެޗްއޯގެ އެގްޒެކެޓިވް ބޯޑު ބައްދަލުވުމަށް ސްވިޒަލޭންޑުގެ ޖެނީވާއަށް

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަލޭންޑުގެ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ. މި ބައްދަލުވުމުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުންނެވެ.

މިމަހުގެ 3 އިން 11 އަށް ކުރިއަށްދާ މި ބައްދަލުވުމަކީ ދުނިޔޭގެ 34 ޤައުމަކުން، ޞިއްޙީ ދާއިރާގެ އިސް ފަރާތްތައް ބައިވެރިވެ، ބައިނަލްއަޤްވާމީ މުހިންމު ނިންމުންތަކެއް ނިންމާ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި ބައްދަލުވުން ބޭއްވެނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު ޤައުމުތަކާއި އެހެން މެމްބަރު ޤައުމުތައްވެސް ހިމެނޭގޮތަށް ސްވިޒަރލޭންޑުގެ ޖެނީވާގައެވެ.

ދިވެހިރާއްޖެއަކީ 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 3 އަހަރުގެ މުއްދަތަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރާ ޤައުމެކެވެ. އަދި މިފަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ވައިސް ޗެއަރކަން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި، މިދިޔަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 6 ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ރީޖަނަލް ކޮމިޓީ ބައްދަލުވުންތަކުގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމާއި، ޔުނިވަރސަލް ހެލްތު ކަވަރޭޖް، އަދި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމަށް ވަނީ ހަމަޖެހިފައެވެ..

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް އެކަމާގުޅޭ ކަންތައްތައް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. މިއީ ޤައުމުތަކުގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ވަރަށް މުހިންމު މަޝްވަރާތަކެއް ކަމުގައި ބެލެވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ޖެނީވާއަށް ވަޑައިގަތުމަކީ، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ. ޚާއްޞަކޮށް، ދިވެހިރާއްޖެ މިފަހަރު ވައިސް ޗެއަރގެ މަޤާމުގައި ހުރުމަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކަންބޮޑުވުންތަކާއި ބޭނުންތައް ބައިނަލްއަޤްވާމީ މައިދާނުގައި އިތުރަށް ފާހަގަކުރުމުގެ ފުރުޞަތެއް ކަމުގައިވެސް ދެކެވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *