ޚަބަރު
ޖަނަވަރީ މަހު އިޤްތިޞާދުގެ މައިގަނޑު ދެ ސިނާޢަތަށް ކުރިއެރުން

މިއަހަރުގެ ޖަނަވަރީ މަސް ނިމުނު އިރު ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ދެ ސިނާޢަތް ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖޭގެ ފަތުރުވެރިކަން 8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވެއެވެ. މިގޮތުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 207،798 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 15،413 ފަތުރުވެރިން އިތުރު އަދަދެކެވެ.

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި، އެއް ދުވަހެއްގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހު ކަމަށްވާއިރު، އެ ދުވަހު 9،495 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މި މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެ ޤައުމުން 36،169 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ބަލާއިރު، މިފްކޯއިން މަސްވެރިން ކިރުވާފައިވާ މަހުގެ އަދަދު ވަނީ ޖަނަވަރީ މަހު އިތުރުވެފައެވެ. ޑިސެންބަރު މަހާ އަޅާބަލާއިރު ޖަނަވަރީ މަހު މިފްކޯއަށް ކިރުވާފައިވާ މަހަށް ދޫކޮށްފައިވާ ފައިސާގެ އަދަދު ވަނީ 47 އިންސައްތަ އިތުރުވެފައެވެ. މިގޮތުން ޖަނަވަރން ޖަނަވަރީ މަހު 1750 ދޯންޏަކުން ކިރުވާފައިވާ މަހަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި ވަޢުދު ފުއްދަން ފަށާފައިވަނީ މިދިޔަ މަސްވެރިންގެ ދުވަހުގައި ކަމަށްވާއިރު، މިހާތަނަށް އޮޑިވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ގަވާއިދުން ފައިސާ ދޫކުރަމުން ގެންދެއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *