ބޮޑެތި ކުށްތައް ކުރި ކަމަށް ތުހުމަތު ކުރެވިގެން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 435 މީހުންނާ އެކު ރާއްޖޭގެ ޖަލުތައް ފުރި ބާރުވެއްޖެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ 20 ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި 435 މީހުންގެ ތެރެއިން 364 މީހުން ތިބީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައެވެ. އަދި ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 71 މީހުން ތިބިކަން ފާހަގަކޮށްފައިވެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި “ބަންދު ފޯރަމް” ގައި ވާހަކަދައްކަވަމުން، ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ ޖަލުތަކުގެ ޖާގަ ބޮޑުތަނުން އިތުރުވެ، ޖަލުތައް ފުރިފައިވާ ކަމަށާއި ބަންދުކުރުން ނޫން އެހެން ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މާފުށީ ޖަލުގައި ވެސް ކެޕޭސިޓީއަށްވުރެ 10 ޕަސެންޓް އިތުރަށް މީހުން ބަންދުކޮށްފައިވާ ކަމަށެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވެސް ވަނީ ޖަލުތައް ފުރިބާރުވެފައިވާކަން ފާހަގަކުރައްވައި، ޖާގައިގެ މައްސަލަތައް ދިމާވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ކަރެކްޝަންސްގައި ވަސީލަތްތައް މަދުކަމާއި، ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ހައްޤުތައް ކަށަވަރުކުރުމުގައި ގޮންޖެހުންތަކެއް ދިމާވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ ޖަލެއްގެ ޖުމްލަ ޖާގައަކީ 1500 އެއްހާ މީހުންގެ ކަމަށްވާއިރު، ޖަލުތަކުގައި ތިބޭ މީހުންނަށް މަހެއްގެ މައްޗަށް 27،000 ރުފިޔާ ޚަރަދުވާ ކަމަށް ވެސް މަޢުލޫމާތު ދެވުނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް މުއައްސަސާތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށާއި، އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް ޓަކައި މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.