އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފަންޑުފޮށި ބެހެއްޓޭނެ އުސޫލެއް އެކުލަވާލަން ނިންމަވާފައިވާކަން ހާމަކުރައްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރައްވާފައިވަނީ އިއްޔެ ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވަޒީރު ފާހަގަކުރައްވާފައިވަނީ މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުމަށް ގިނަ އަދަދެއްގެ ޖަމްޢިއްޔާތަކުން އެދެމުންދާކަމެވެ.
“އެކި ޖަމްޢިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދެމުންދާ މިންވަރު މިހާރު ވަރަށް ގިނަ” ވަޒީރު ވިދާޅުވިއެވެ.
އަލަށް އެކުލަވާލެވޭ މި އުސޫލުގައި، މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުމަށް ހުއްދަދެވޭނީ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހެޅުމުންކަން ބަޔާންކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހުއްދަ ތަކުރާރު ކުރެވޭނީ ޚަރަދުކުރި ގޮތުގެ ތަފުސީލާއި އޮޑިޓު ރިޕޯޓު ހުށައެޅުމުންކަންވެސް އުސޫލުގައި ބަޔާންކުރާނެކަމަށް އިތުރު ކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި އުސޫލު ހަދާނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި އިސްރާޢީލުގެ ނިރުބަވެރިން ފަލަސްޠީނަށް ދެމުންގެންދިޔަ ޙަމަލާތަކުގެ ސަބަބުން ހާލުގައި ޖެހުނު އެ ޤައުމުގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އެކި ޖަމްޢިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށި ބަހައްޓައިގެން ފައިސާ ހޯދާފައިވެއެވެ. މިކަމާ ގުޅިގެން މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުމުގެ އުސޫލެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކަން ފާހަގަކުރެވިފައިވާކަން ވަޒީރުގެ ބަސްފުޅުން ދޭހަވެއެވެ.