ހަތް ކިލޯގެ މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައި ހުއްޓައި އެމްޑީޕީ ސަރުކާރުން ރިޔާސީ އިންތިޚާބާއި ދިމާކޮށް ޖަލުން މިނިވަންކުރި މީހަކު އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވާ ފޮޓޯތަކެއް އާއްމުވެއްޖެއެވެ.
ހަތް ކިލޯގެ މަސްތުވާތަކެތި ގެންގުޅުނު މައްސަލާގައި ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާއެކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ބޮޑީ ބިލްޑަރު ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) އާއި އެކު ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ހުންނަވާ މަންޒަރެވެ.
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ޝާންޓޭ ހައްޔަރުކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހުގެ ރޭ 22:30 ހާއިރު ހ. ސާމަރާގޭގައި އޭނާ ދިރިއުޅޭ ކޮޓަރިންނެވެ. ސާމަރާގޭގައި ޝާންޓޭ ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައި ފާސްކުރިއިރު، އެ ކޮޓަރީގެ ސްޓޮކް ރޫމް ތެރޭގައި ޓޭޕްއަޅައި ބަންދުކޮށްފައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ޑަސްބިން ކޮތަޅެއްގެ ތެރެއިން ފެނުނު ހަތް ޕެކެޓުގައި 6924.800 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ކްރިމިނަލް ކޯޓުން ޝާންޓޭގެ މައްޗަށް އިއްވި ހުކުމްގައި ވެއެވެ.
ޝާންޓޭއަކީ 2023ގެ ރިޔާސީ އިންތިޚާބަށް ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްވެ ހުންނަވައި ވޯޓު ހޯދުމުގެ މަގްސަދުގައި، ޤާތިލުންނާއި މަސްތުވާތަކެތީގެ ބޮޑުން ހިމެނޭހެން 25 ކުށްވެރިޔަކު މިނިވަންކުރި އިރު އޭގެ ތެރޭގައި ހިމެނުނު ފަރާތެކެވެ.
ޝާންޓޭއަކީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އަދި އެމްޑީޕީން މިނިވަންކޮށްދީފައިވާ ކުރީގެ ނައިބު ރައީސުގެ ޅިޔަނެކެވެ.