ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ ޤައުމަށް އުޖާލާ މާދަމާއެއް ހޯދަދިނުމަކީ އެންމެ އިސް ޤައުމީ ވާޖިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ ދިވެހީންގެ މިނިވަންކަމުގެ ޙައްގުގައި ޖިހާދު ކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، މި ވަޠަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިތްމަތް ކުރުމަކީ ދިވެހި ރައްޔިތުންގެ އެންމެ އިސް ޤައުމީ ވާޖިބު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފުވެސް ވަނީ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ މިލޮބުވެތި ޤައުމުގެ ދިފާއުގައި ޝަހީދުވި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާ ކުރައްވާ ކަމަށެވެ.
ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ޤައުމާއި މިނިވަންކަން ދިފާޢުކޮށް، މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ބަޠަލް އައްސުލްޠާން ޢަލީ 6 ވަނަ (ޢަލީރަސްގެފާނު) ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރަން ފެށީ 14 ޖޫން 1980 ގައެވެ. އެއީ ހިޖުރައިން 1400 އަހަރުގެ ޝައުބާންމަހުގެ 1 ވަނަ ދުވަހެވެ.
މި ދުވަހަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައި ޖިހާދުވެވަޑައިގެންނެވި ޤައުމީ ބަޠަލުންގެ ޛިކުރާ އާކުރުމުގެ މަޤްޞަދުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.